އެޗްޑީސީ

ބިޑާއި ޕްރޮޕޯސަލް ހުށަހަޅަން ހާއްސަ ޕޯޓަލެއް

Jan 9, 2022

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ބިޑާއި ޕްރޮޕޯސަލް ހުށަހެޅުމަށް ހާއްސަ ޕޯޓަލެއް އިފްތިތާހުކޮށްފި އެވެ.

އެޗްޑީސީގެ ހެޑް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ޕޯޓަލް އިފްތިތާހުކޮށްދެއްވީ އެޗްޑީސީގެ ޗެއާމަން ޖައިޝް އިބްރާހީމް އެވެ.

އެޗްޑީސީން ބުނީ ޕޯޓަލްގެ މަގުސަދަކީ ބިޑް ހުށަހަޅާ ފަރާތްތަކަށް ލުއި ފަސޭހަވާނެ ގޮތަށް ބިޑް އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ އިންތިޒާމު ހަމަޖައްސައިދިނުމާއި ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުން ކަމަށެވެ.

"މިއީ ބިޑް އަދި ޕްރޮޕޯސަލް އޮންލައިންކޮށް އެއްް ޕޯޓަލްއެއް މެދުވެރިކޮށް ހުށަހެޅުމަށް ރާއްޖޭގައި ހުޅުވާލެވޭ އެންމެ ފުރަތަމަ އޮންލައިން ޕޯޓަލްކަން ފާހަގަކުރަމެވެ. މިގޮތުން އޮންލައިންކޮށް ބިޑް އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ ސަބަބުން އާންމުންގެ ވަގުތު ސަލާމަތްވެ ފަސޭހަކަމާއި އެކީ މިކަން ކުރުމަށް މަގުފަހިވެގެންދާނެ ކަމުގައި މި ކޯޕަރޭޝަނުން ދެކެމެވެ،" އެޗްޑީސީން ބުނެފައިވެ އެވެ.

އެޗްޑީސީން ބުނީ ޕޯޓަލް މެދުވެރިކޮށް ބިޑްތައް އޮތް މަރުހަލާ ބަލާލުމުގެ އިތުރުން ޕްރޮޕޯސަލްތައް ހުށަހަޅާފައިވާ ފަރާތްތަކަކީ ގާބިލް ފަރާތްތަކެއްތޯ ޔަގީންވެސް ކުރެވޭނެ ކަމަށެވެ.

އެޗްޑީސީން ހުޅުވާލައި އާރްއެފްޕީ ތަކާއި ބިޑްތަކަށް ޕްރޮޕޯނަންޓްސް އަދި ވެންޑާސްގެ ގޮތުގައި ރަޖިސްޓްރީ ކޮށްގެން ޕްރޮޕޯސަލް އަދި ބިޑް ހުށަހެޅުމުގެ ފުރުސަތު ވެސް ޕޯޓަލްގެ ތެރެއިން ލިބިގެންދާނެ އެވެ.

އެޗްޑީސީގެ ޕޯޓަލް ބޭނުން ކުރުމަށް ކަމާ ގުޅޭ ލިޔުންތަކާ އެކު އީމެއިލްއެއް ބޭނުންކޮށްގެން ރަޖިސްޓްރީން ވާން ޖެހެ އެވެ. ޕޯޓަލް މެދުވެރިކޮށް އެޗްޑީސީގެ ބިޑްތަކުގެ މައުލޫމާތު ސާފުކުރެވޭނެ ގޮތްވެސް ހަމަޖައްސާފައިވެ އެވެ. މިއަދު ތައާރަފް ކުރެވުނު ޕޯޓަލްގެ ހިދުމަތް ލިބޭނީ އެޗްޑީސީގެ "މައިހުޅުމާލެ ޕޯޓަލް" މެދުވެރިކޮށެވެ.

"އެންމެންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ހާއްސަކޮށްފައިވާ މިފަދަ ޕޯޓަލްއެއް ގާއިމުކުރުމުގެ ސަބަބުން ގިނަގުނަ ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމުގައި މި ކޯޕަރޭޝަނުން ގަބޫލުކުރަމެވެ. އަދި މިކޯޕަރޭޝަންގެ ފަރާތުން މިހާރުވެސް މައިހުޅުމާލެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ގިނަ ހިދުމަތްތަކެއް ދަނީ އާންމުންނަށް ފޯރުކޮށްދެމުންކަން ފާހަގަކުރަމެވެ،" އެޗްޑީސީން ބުނެފައިވެ އެވެ.