މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ އިސް ނެގުމުގެ މަތިން މާދަމާ އޮލިމްޕަހުގައި ފަށާ "އިންޑިއާ-މޯލްޑިވްސް" ފިލްމު ފެސްޓިވަލްގައި ފަސް ފިލްމެއްގެ ޝޯތައް އާންމުންނަށް ހިލޭ ހުޅުވާލާއިރު ހޮވާލާފައިވާ ފިލްމުތައް ވަރަށް ވެސް ހިތްގައިމެވެ.
މި ފެސްޓިވަލް ފަށާނީ ބޮލީވުޑުގައި ރިކޯޑްތައް މުގުރުމަށް މަޝްހޫރު އާމިރު ޚާންގެ ވަރަށް މަޝްހޫރު ފިލްމެއް ކަމުގައިވާ "ތްރީ އިޑިއަޓްސް" އިންނެވެ. މާދަމާ ރޭ މި ފިލްމާ އެކު ފެސްޓިވަލް ފެށުމަށް ހަމަޖެހިފައިވާއިރު ބޮލީވުޑުން ހޮވާލާފައިވާ އަނެއް ދެ ފިލްމަކީ ކްލެސިކް ހިޓްސްގެ ގޮތުގައި މަޝްހޫރުވެފައިވާ "ދިލްވާލޭ ދުލްހަނިޔާ ލޭޖައެނގޭ" އާއި "ޝޯލޭ" އެވެ.
ފެސްޓިވަލްގައި ބައިވެރިކޮށްފައިވާ ދިވެހި ދެ ފިލްމަކީ ރަވީ ފާރޫގް ޑައިރެކްޓްކޮށްފައިވާ "އިނގިލި" އާއި ޑާކް ރެއިން އެންޓަޓެއިންމަންޓުން އިހަކަށް ދުވަހު އެންމެ ޝޯއަކުން ބެލުންތެރިން އާޝޯހުކޮށްލި "ހުޅުދާން" އެވެ. މި ދެ ފިލްމަކީ ވެސް ދިވެހި ސިނަމާގެ އަސްލު ރަހަތަކާ ހިލާފަށް އުފައްދާފައިވާ ތަފާތު ދެ ފިލްމުކަން ފާހަގަކޮށްލަން ޖެހެ އެވެ.
މީގެ ތެރެއިން "އިނގިލި" އަކީ ރާއްޖޭގައި ގިނަ އެވޯޑްތަކެއް ހާސިލުކޮށް ސާކް ފިލްމު ފެސްޓިވަލްގައި އެންމެ މޮޅު ތިން ވަނަ ފިލްމުގެ މެޑަލް ވެސް ޖަހާފައިވާ ފިލްމެކެވެ.
އޮލިމްޕަހުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ފެސްޓިވަލް ފެށުމަށް މާދަމާ އޮލިމްޕަހުގައި ހާއްސަ ރަސްމިއްޔާތެއް ވެސް އޮންނާނެ އެވެ. މި ހަފުލާގައި އިންޑިއަން ހައި-ކޮމިޝަންގެ އޮފިޝަލުންނާއި ސަރުކާރުގެ އޮފިޝަލުން ވެސް ބައިވެރިވާނެ އެވެ.
މިއީ އިންޑިއަން ހައި ކޮމިޝަނާ ގުޅިގެން ފިލްމު އެސޯސިއޭޝަނުން މިގޮތަށް ބާއްވާ ދެ ވަނަ ފިލްމު ފެސްޓިވަލެވެ.