ހަބަރު

މުވައްޒިފުން ހައްޖަށް ފޮނުވަން އެމްއޭސީއެލް އިން އަލުން ފަށައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ހަރަދުގައި 10 މުވައްޒަފަކު ހައްޖަށް ފޮނުވަން ނިންމައި އެކަމުގެ ލިޔުން އެ މުވައްޒަފުންނާ މިރޭ ހަވާލުކޮށްފި އެވެ. މީގެ ކުރިން ވެސް އެމްއޭސީއެލް އިން އެ ޕްރޮގްރާމް ކުރިއަށް ގެންދިޔަ ނަމަވެސް އެކަން އޮތީ 2013 ވަނަ އަހަރުން ފެށިގެން ހުއްޓާލައިފަ އެވެ.

އެ ޕްރޮގްރާމް އަލުން ފެށުމުގެ ގޮތުން އަންނަ އަހަރު ހައްޖަށް ދިޔުމުގެ ފުރުސަތު ދޭން ނިންމީ، 2012 ވަނަ އަހަރު ހައްޖަށް ގެންދަން ހޮވިފައިވާކަން މީގެ ކުރުން އިއުލާން ކޮށް އެހެން ނަމަވެސް، އެ ޕްރޮގްރާމް ހުއްޓާލުމުން ހައްޖަށް ނުދެވިފައި ތިބި ފަރާތްތަކަށެވެ. އެ މުވައްޒަފުން ހައްޖަށް ދާނީ އަންނަ އަހަރު އެވެ. ކުރިއަށް މިއޮތް ކޮންމެ އަހަރަކުވެސް 10 މުވައްޒަފަކަަށް ހައްޖަށް ދިއުމުގެ ފުރުސަތު ދޭނެ ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓާ އާދިލް މޫސާ މިރޭ އިއުލާން ކުރެއްވި އެވެ.

އާދިލް ވިދާޅުވީ އެކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ މިހަރަކާތުގައި ހައްޖަށް ދިއުމުގެ ފުރުސަތު ލިބޭ މުވައްޒަފުންނަށް ހައްޖުގެ އަޅުކަން އަދާކުރުމަށް ބޭނުންވާ ހުރިހާ ފައިސާ އެކުންފުނިން ހަމަޖައްސައިދޭނެ އެވެ.

އެމްއޭސީއެލް ގެ ފަރާތުން ހައްޖަށް ދިއުމުގެ ފުުރުސަތު ލިބިވަޑައިގެންނެވި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކުރެއްވުމަށް މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި، އިސްލާމިކް މިނިސްޓަރު އަހްމަދު ޒިޔާދު ބާގިރު ވިދާޅުވީ ރާއްޖޭގެ އެެހެން ކުންފުނިތަކުންވެސް އެމްއޭސީއެލް ނަމޫނާ ކުންފުންޏެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެމްއޭސީއެލް އިން ހައްޖަށް ދިއުމުގެ ފުރުސަތު މިރޭ ލިބުނު މުވައްޒަފުންގެ ތެރެއިން ގިނަ މުވައްޒަފުން މިހާރު ރިޓަޔާ ކުރައްވާފައިވާއިރު ބައެއް މުވައްޒަފުން އަންނަ އަހަރު ރިޓަޔާ ކުރެއްވުމަށް ނިންމާފައިވާ ކަމަށް އެމްއޭސީއެލުން ބުނެ އެވެ. އެމުވައްޒަފުންގެ ތެރޭގައި 20 އަހަރަށްވުރެ ގިނަ ދުވަހު އެކުންފުންޏަށް ހިދުމަތް ކުރައްވާފައިވާ މުވައްޒަފުން ހިމެނެ އެވެ. މީގެ ކުރިން 2013 ވަނަ އަހަރުން ފެށިގެން ހައްޖު ދަތުރު ދިނުން މެދުކެނޑުނީ ޖީއެމްއާރުން އެއާޕޯޓާ ހަވާލުވެ، މެނޭޖްމަންޓަށާއި ކުންފުނީގެ ހިންގުމަށް އައި ބޮޑެތި ބަދަލުތަކުގެ ތެރެއިންނެވެ.