މީރާ

މީރާ އަށް މިދިޔަ އަހަރު 15 ބިލިއަން ރުފިޔާ

Jan 10, 2022
1

ދައުލަތުގެ ޓެކްސް އިދާރާ -- މީރާ އަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 15.7 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މީރާ އިން މިއަދު އާންމުކޮށްފައިވާ އާމްދަނީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މީރާ އަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނު 15.7 ބިލިއަން ރުފިޔާ އަކީ 2020 ވަނަ އަހަރު މީރާ އަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު 5.2 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މީރާ އަށް 2020 ވަނަ އަހަރު ލިބުނީ 10.5 ބިލިއަން ރުފިޔާ އެވެ.

މީރާ އަށް މިދިޔަ އަހަރު ލިބުނު އާމްދަނީގެ ތެރެއިން ރުފިޔާ އިން ލިބުނީ 6.1 ބިލިއަން އެވެ. އެމެރިކާ ޑޮލަރުގެ ގޮތުގައި 624.98 މިލިއަން ލިބިފައިވެ އެވެ.

މީރާ އަށް މިދިޔަ އަހަރު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ ލިބުނު އާމްދަނީގެ 49.7 ޕަސަންޓް ނުވަތަ 7.8 ބިލިއަން ރުފިޔާ އެވެ.

ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ ލިބުނު އާމްދަނީގެ 17.1 ޕަސަންޓް ނުވަތަ 2.7 ބިލިއަން ރުފިޔާ އެވެ. ތިންވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ބިމު ކުލިންނެވެ. އެއީ މިދިޔަ އަހަރު ލިބުނު އާމްދަނީގެ 13.1 ޕަސަންޓް ނުވަތަ 2.06 ބިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނު ބައެއް އިތުރު އަދަދުތައް

  • އެއާޕޯޓް ޑިވެލޮޕްމަންޓް ފީ - 478.7 މިލިއަން ރުފިޔާ
  • އެއާޕޯޓް ސާވިސް ޗާޖު - 469.3 މިލިއަން ރުފިޔާ
  • ގްރީން ޓެކްސް - 802.1 މިލިއަން ރުފިޔާ
  • ވޯކްޕަމިޓް ފީ - 324.7 މިލިއަން ރުފިޔާ
  • ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ - 230.2 މިލިއަން ރުފިޔާ
  • ޖޫރިމަނާ - 184.1 މިލިއަން ރުފިޔާ

މީރާ އަށް މިދިޔަ ޑިސެމްބަރު މަހު ލިބުނު އާމްދަނީ އަށް ބަލާއިރު 2.02 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ލިބުނު 1.03 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 986.8 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މީރާ އަށް ޑިސެމްބަރު މަހު ލިބުނު އާމްދަނީ އަކީ ކުރިން ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ 45 ޕަސަންޓް އިތުރު އަދަދެކެވެ.

މީރާއިން ބުނީ 2020 ވަނަ އަހަރާ އަޅާ ބަލާއިރު މިދިޔަ އަހަރު މީރާ އަށް ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓީޖީއެސްޓީ، ޖީއެސްޓީ، އިންކަމް ޓެކްސް، ގްރީން ޓެކްސް، އެއާޕޯޓް ޓެކުހާއި އަދި ޖޫރިމަނާގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ކަމަށެވެ. މީގެއިތުރުން 2020 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެ އަށް ޒިޔާރަތް ކުރި އަދަދަށް ވުރެ ހަތަރު ގުނަ އިތުރު އަދަދަކަށް މިދިޔަ އަހަރު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރުމަކީ ވެސް އާމްދަނީ އިތުރުވި ސަބަބެއް ކަމަށެވެ. އަދި މީގެކުރިން ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާއި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ނުލިބި ހުރި ފައިސާ ތަކެއް ލިބުމަކީ ވެސް މިދިޔަ އަހަރުގެ އާމްދަނީ އިތުރުވި ސަބަބެއް ކަމަށެވެ.