މޯލްޑިވްސް ޕޮލިސް ސާވިސް

ސަމާލުވޭ! ކުޑަކުދިންނާ އެކު އެއްޖިންސުން ގުޅުން ހިނގުން އިތުރުވެއްޖެ

ކުޑަކުދިންނާ އެކު އެއްޖިންސުން ގުޅުން ހިންގައިގެން ފުލުހުންނަށް މި އަހަރު ހުށަހެޅުނު މައްސަލަތައް، މިދިޔަ އަހަރާ އަޅާބަލާއިރު ދެ ގުނަ އިތުރުވެއްޖެ އެވެ.

ފުލުހުން މިއަދު އާންމުކޮށްފައިވާ ގޮތުގައި، މިއަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ފާއިތުވި ފަސް އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކުޑަކުދިންނާ އެއް ޖިންސުން ގުޅުން ހިންގި 74 މައްސަލަ ހުށަހަޅާފައިވެ އެވެ. މީގެ ތެރެއިންވެސް 2014 ވަނައަހަރަށްވުރެ މިއަހަރު އެފަދަ މައްސަލަ 2 ގުނައަށް ވަނީ އިތުރު ވެފައެވެ.

އެގޮތުން 2014 ވަނައަހަރު ކުޑަކުދިންނާ އެއްޖިންސުން ގުޅުންހިންގި 19 މައްސަލަ ހުށަހެޅުނުއިރު މިއަހަރުގެ ނޮވެމްބަރު މަހާ ހަމައަށް 36 މައްސަލަ ހުށަހެޅިފައި ވެއެވެ.

އެއްޖިންސުން ގުޅުން ހިނގުމުގެ މައްސަލައިގެ އިތުރުން ކުޑަކުދިންނާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުމުގެ 1374 މައްސަލަ ފާއިތުވި ފަސް އަހަރު ތެރޭގައި ހުށަހެޅުނުއިރު އެވްރެޖް ގޮތެއްގައި އަހަރެއްގެ މައްޗަށް 200 އަށްވުރެގިނަ އެފަދަ މައްސަލަތައް ހުށަހެޅިފައި ހުރިކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ކުޑަކުދިންނާ ގަދަކަމުން ދަބުއަހުލާގީ އަމަލު ހިންގައިގެން 2010 ވަނައަހަރު 175 މައްސަލަ، 2011 ވަނައަހަރު 267 މައްސަލަ، 2012 ވަނައަހަރު 273 މައްސަލަ، 2013 ވަނައަހަރު 244 މައްސަލަ، 2014 ވަނައަހަރު 207 މައްސަލަ އަދި މިއަހަރުގެ ނޮވެމްބަރުގެ ނިޔަލަށް 208 މައްސަލަ ހުށަހެޅިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

ޖިންސީ މައްސަލަ ތަކުގެ އިތުރުން ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތައްވެސް މަދުނުވެ އިތުރުވަމުންދާކަން ތަފާސް ހިސާބުތަކުން ދައްކަ އެވެ. އެގޮތުން 2010 ވަނަ އަހަރު އެފަދަ 16 މައްސަލަ ހުށަހެޅުނުއިރު، 2011 ވަނައަހަރު 35 މައްސަލަ، 2012 ވަނައަހަރު 83 މައްސަލަ، 2013 ވަނައަހަރު 90 މައްސަލަ ހުށަހެޅި 2014 ވަނައަހަރު ހުށަހެޅުނު މައްސަލަތައް މަދުވުމަށް ފަހު މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެފަދަ 97 މައްސަލަ ވަނީ ހުށަހެޅިފަ އެވެ.

ކުޑަކުދިންނަށް އިހުމާލުވާ މައްސަލަތަކުގެ އިތުރުން ކުޑަކުދިންނާ ގުޅޭ ގެވެށި އަނިޔާގެ މައްސަލަތައްވެސް ނިސްބަތުން ދަނީ އިތުރުވަމުންކަން ވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ. އެގޮތުން 2010 ވަނައަހަރު އެފަދަ 38 މައްސަލަ، 2011 ވަނައަހަރު 72 މައްސަލަ، 2012 ވަނައަހަރު 109 މައްސަލަ، 2013 ވަނައަހަރު 105 މައްސަލަ، 2014 ވަނައަހަރު 64 މައްސަލަ އަދި މިއަހަރުގެ ނޮވެމްބަރުގެ ނިޔަލަށް 173 މައްސަލަ، ކުޑަކުދިންނާ ގުޅޭ ގެވެށި އަނިޔާގެ މައްސަލައިގެ ގޮތުގައި ފުލުހުންގެ އިދާރާއަށް ހުށަހެޅިފައިވެއެވެ.