މޯލްޑިވްސް ޕޮލިސް ސާވިސް

ސަލާމަތީ ބާރުތަކުގެ އޮޕަރޭޝަނާ ގުޅޭގޮތުން ފަތުރަނީ ދޮގެއް

ސިފައިންނާއި ފުލުހުން މާލޭގައި ހިންގަމުންދާ ހާއްސަ އޮޕަރޭޝަނާ ގުޅޭގޮތުން ފެތުރެމުންދާ ވާހަކަތަކުގެ ހަގީގަތް ފުލުހުން ސާފުކޮށްދީފި އެވެ.

ދައުރުވަމުންދާ ވާހަކަތަކުގައި ބުނަނީ ސިފައިންނާއި ފުލުހުން ގުޅިގެން ފަށާފައިވާ އޮޕަރޭޝަނަކީ ގޭންގުތަކެެއް މެެދުވެެރި ވެގެން ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތީގެ ތެރޭގައި ހަތިޔާރުތަކެއްވެސް އެތެރެކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިގެން ފެށި އޮޕަރޭޝަނެއް ކަމަަށެވެ.

އެކަން ދޮގުކޮށް ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ ފުލުހުންނާއި ސިފައިން ގުޅިގެން މިހާރު ކުރިއަށް ގެންދާ "ގުޅިގެން" އޮޕަރޭޝަނަކީ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން އުފައްދަވާފައިވާ "ގޭންގު ކުށްތައް ހުއްޓުވުމަށް ގައުމީ ފެންވަރުގައި މަސައްކަތްކުރާ ޓާސްކު ފޯސް" ގެ މަސައްކަތްތައް ތަންފީޒުކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނެއް ކަމަށެވެ. އަދި އެ އޮޕަރޭޝަންއާ ހަތިޔާރު ހޯދުމާ ގުޅުމެއް ނެތް ކަމަށެވެ.

މި މަހުގެ ނުވަވަަނަ ދުވަހު ދެ އިދާރާއިން ނެރެފައިވާ ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ "ގުޅިގެން" ނަމުގައި
ފަށާފައިވާ އޮޕަރޭޝަނަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މާލޭގެ އަމާންކަމާއި ރައްކާތެރިކަން ޔަގީންކުރުމުގެ ގޮތުން ފުލުހުންގެ އެދުމުގެ މަތިން ސިފައިންގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ.