ކެބިނެޓް

އޯއޭސީޕީއެސްގައި ބައިވެރިވާން މަޖިލީހަށް ހުށަހަޅަނީ

Jan 11, 2022

އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވުމުން އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

ރައީސް ސޯލިހް އެގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، އެ މައްސަލައާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު އެެވެ.

ރައީސް އޮފީހުން ބުނީ ރާއްޖެ، އޯއޭސީޕީއެސްގެ މެމްބަރު ގައުމަކަށްވުމުން ރާއްޖެއާއި އެފްރިކާ ކެރީބިއަން އަދި ޕެސިފިކް ސަރަހައްދުގެ ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. އަދި ރާއްޖެއިން ވަކާލާތުކުރަމުން އަންނަ މުހިއްމު މައްސަލަތައް ކަމުގައިވާ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށްޓަށް ކުރާ އަސަރުތައް ފަދަ ގިނަ ދާއިރާތަކުގައި އަޑުއުފުލުމުގެ ފުރުސަތު ފުޅާވުމާއި، ތަރައްގީގެ އެކިއެކި ޕްރޮޖެކްޓްތަކަށް ފައިސާ ހޯދުމަށް މަގުފަހިވާނެ ކަމަށެވެ.

މީގެ އިތުރުން އޯއޭސީޕީއެސް އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އިންސްޓިޓިއުޝަންތަކުގެ އެހީތެރިކަން ލިބުމަށް އިތުރަށް މަގުފަހިވެގެންދާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ. އެގޮތުން ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށާއި ރާއްޖެއަށް ޔޫރަޕުގެ ޝެންގަން ވިސާ ހޯދުމަށް ލުއިތަކެއް ލިބޭނެ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

އޯއޭސީޕީއެސްގައި ރާއްޖެ ބައިވެރިވެއްޖެނަމަ ރާއްޖެ ވެގެންދާނީ އެ ޖަމިއްޔާގައި ބައިވެރިވާ 80 ވަނަ މެންބަރު ގައުމަށެވެ. ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރެއިން ރާއްޖެ ފިޔަވައި ކުދި ޖަޒީރާ ހުރިހާ ގައުމުތަކަކީ މި ވަގުތު މި ޖަމިއްޔާގެ މެންބަރުންނެވެ.