ބޮލީވުޑް

ސަލްމާން ޚާން އެހާ ފިޓްކޮށް ހުންނަނީ ކޯޗެއް ކައިގެން؟

އުމުރުން 56 އަހަރުގައި ވެސް ސަލްމާން ފެންނަނީ އޭނާގެ އުމުރަށް ވުރެ މާ ޒުވާންކޮށް ފިޓްކޮށް ހުއްޓަ އެވެ. އޭނާއަށް ވުރެ މާ ޒުވާން ހީރޯ އިންނަށް ވުރެ ސަލްމާން މިހާރު ވެސް މާ ވަރުގަދަވެފައި ރީތިކަމަށް ފެނެ އެވެ. އުމުރުން ދުވަސްވާ ކަމަކަށް އޭނާގެ މޫނާއި ހަށިގަނޑަކުން ވެސް ނުދައްކަ އެވެ. މިހާރުވެސް ބަލާބެލުމަށް ހީވަނީ އޭނާއަކީ 40 ވަރަކަށް އަހަރުގެ މީހެއް ކަމަށެވެ.

އޭނާގެ ހަށިގަނޑުގެ މަސްތައް ވަރުގަދަކަމާއި ހަންގަނޑު ވާން ކަމާއި މޫނުގައި ރުލެއް ނެތުމާއި މިހުރިހާ ކަމަކަށް ބަލާއިރު ވާދަވެރިން ހަސަދަވެރިވާހާ ވެއެވެ.

ސަލްމާން މިހާ ފިޓްކޮށް ހުންނަނީ ކީއްވެތޯ ވަރަށް ގިނަ ބަޔަކު ސުވާލުކުރަނީ އެހެންވެ އެވެ. ހަގީގަތުގައި ސަލްމާނަކީ ފިޓްނަސް އަށް ވަރަށް ލޯބިކުރާ އަދި ގަވާއިދުން ދުވާލަކު ވަރަށް ގިނަ ވަގުތު އެކި ކަހަލަ ކަސްރަތުތައް ކުރާ މީހެކެވެ. އަދި ވަކި ޚާއްސަ ޕްލޭނެއްގެ ދަށުން ކެއުން ގެންގުޅޭ މީހެކެވެ. އެހާ ރީތިކޮށް ހަށިގަނޑުގެ ބައްޓަން ބެހެއްޓެނީ އެހެންވެ އެވެ.

އިންޑިޔާގެ ނޫހެއްގައިވާ އާޓިކަލެއްގައި ސަލްމާން ކެއުން ގެންގުޅޭ ގޮތްތައް ހާމަކޮށްފައި ވެއެވެ. އެ ޚަބަރުގައި ބުނެފައިވާ ގޮތުގައި ސަލްމާން އެއްގޮތަކަށް ވެސް މާގިނައިން ތެޔޮ ހުންނަ އެއްޗިއްސެއް ނުކަ އެވެ. އަދި އޭނާ ކާ އެއްޗެތީގައި ލޮނު ބޭނުން ކުރަނީ ވެސް ވަރަށް މަދުންނެވެ. އަދި ހަވާދުލީ އެއްޗެއް އެއްގޮތަކަށް ވެސް ނުކަ އެވެ. ޖަންކް ފުޑްގެ ގޮތުގައި ކިޔާ އެއްވެސް ބާވަތެއްގެ އެއްޗެއް ވެސް ސަލްމާން އެއްގޮތަކަށް ވެސް ނުކައެވެ.

ހެނދުނު ހޭލައިގެން ފުރަތަމަ އޭނާ ބޮނީ މާމުއި އަޅާފައި ހުންނަ ލުނބޯ ހުތު ފަނި ތައްޓެކެވެ. އަދި ހުރިހާ ވަގުތެއްގައި ވެސް ކަނީ ޕްރޮޓީން ގިނައިން ހުންނަ ކާބޯހައިޑްރޭޓްސް އެއްގޮތަކަށް ވެސް ނުހުންނަ ކާ އެއްޗިއްސެވެ.

ހަތަރު ބިހުގެ ބިސްގަނޑެއް ސަލްމާން ކޮންމެ ދުވަހަކުވެސް ކައެވެ. އެއީ އޭނާގެ އެންމެ ފޭވަރިޓް ކެއުމެވެ. ބައެއް ދުވަސްދުވަހު ހަތަރު ބިހުގެ ލޮންޖާއި ދެ ބިހުގެ ގޮބޮޅިން އަޅާފައި ހުންނަ ބިސްގަނޑު ކައެވެ.

ސަލްމާން މޭވާ ކަނީ ހަފުތާއަކު ހަތަރު ދުވަހު އެވެ. ބާކީ ތިން ދުވަހު ހަވީރުގެ ސައިގެ ވަގުތުގައި އޭނާ ކަނީ ސައުތު އިންޑިއާގެ މަޝްހޫރު ކެއުމެއް ކަމަށްވާ އިދްލީ، ދޯސާ، އުތަމްޕަމް އެވެ.

މެންދުރު ކެއުމަށް އެންމެ ގިނައިން ކައިއުޅެނީ ގްރިލްޑް ފިޝް އާއި ސެލެޑެކެވެ. ބައެއް ދުވަސްދުވަހު ކުކުޅާއި ތަރުކާރީ ރިހަ އާއެކު ބަތް ނުވަތަ ރޮށި ކައެވެ.

ރޭގަނޑު ވެސް ކަނީ ކުކުޅާއި ސެލެޑެވެ. އަދި ކޮންމެ ކެއުމެއްގެ މެދުތެރެއިން އާމަންޑް ކައެވެ.

ސަލްމާން ބުނާ ގޮތުގައި އޭނާއަށް އެންމެ މަގްބޫލު ކާ އެއްޗެތީގެ ތެރޭގައި ހިމެނެނީ އައިސްކްރީމް އާއި ތަފާތު ވައްތަރުތަކުގެ ފޮނި ކާއެއްޗިއްސެވެ. އަދި ޗޮކްލެޓް ވެސް އޭނާއަށް ވަރަށް މީރެވެ.

އިންޑިއާގެ ކެއުންތައް ނޫން ދުނިޔޭގެ މަޝްހޫރު ކެއުންތަކުގެ ތެރެއިން ސަލްމާނަށް އެންމެ މަގްބޫލީ ޗައިނީޒް، އިޓާލިއަން، މެކްސިކަން އަދި ސްވިޑިޝް ކެއުމެވެ.