ކްރިމިނަލް ކޯޓް

100 ކިލޯގެ ޑުރަގް: ދައުވާ ލިބޭ މީހުންނަށް ވަކީލުން ހޯދަން ފުރުސަތު ދީފި

Jan 12, 2022

ފުލުހުން މިދިޔަ އޮކްޓޫބަރު މަހު ހިންގި ޑްރަގް އޮޕަރޭޝަންގައި 100 ކިލޯ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި މީހުންނަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާ ގުޅިގެން ވަކީލަކު ހަމަޖައްސަން ކޯޓުން ފުރުސަތު ދީފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ދައުވާ ލިބޭ މީހުންގެ ޝަރީއަތް ފެށުމަށްފަހު އެ މީހުންނަށް ގާނޫނީ ގޮތުން ލިބިގެންވާ ހައްގުތައް ވަނީ ބަޔާންކޮށްދީފަ އެވެ. ދައުވާ ލިބޭ މީހުން އެދުނީ ވަކީލަކު ހަމަޖައްސން ފުރުސަތު ދިނުމަށެވެ. އަންނަ މަހާ ހަމައަށް ވަކީލަކު ހަމަޖައްސަން ގާޒީ ފުރުސަތު ދެއްވި އެވެ.

ދައުލަތުން މިމައްސަލާގައި 10 މީހަކަށް ދައުވާ ކުރި ނަމަވެސް ދައުވާ ލިބޭ ބަންގްލަދޭޝްގެ ދެ މީހުން ފިޔަވާ އެންމެން ތިބީ ބަންދުން ދޫކޮށްލާފަ އެވެ.

ދައުވާ ލިބޭ މީހުންނާއި އުފުލާފައިވާ ދައުވާތައް

  • ނ. ވެލިދޫ ބީޗްހެވަން، ޖުމާން މުސްތަފާ - ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އަދި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ
  • ބަންގްލަދޭޝް، އެމްޑީ ރަފީގުލް އިސްލާމް - ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އަދި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ
  • ލ. ކަލައިދޫ ޖަނަވަރީމާގެ، މުހައްމަދު އަހްމަދު - ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އަދި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ
  • ދ. ބަނޑިދޫ ޕޮލަރިސް، މުހައްމަދު ހުސައިން - ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އަދި ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ދައުވާ
  • ކ. މާފުށި ސްވީޓްމީޑް، އަހްމަދު މާހިރު - ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ
  • ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޑީއެމް މޮބިން - ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ
  • ގއ. ދެއްވަދޫ، ދޭލިޔާގެ، މިދުހަތު އިބްރާހީމް - ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ
  • ގއ. ކޮލަމާފުށި ސޯސަންގެ، އިބްރާހީމް ޒާއިދު ހަބީބު - ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ
  • ހދ. ކުމުންދޫ ޑިއާފުރެންޑް، އިބްރާހީމް ސިނާނު - ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ

މިމައްސަލައިގެ ތަހުގީގަށް ބައެއް މީހުން ދީފައިވާ ބަޔާންތަކާ ހަވާލާދީ ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރެއްގައިވާ ގޮތުން 100 ކިލޯގެ ޑްރަގްސް ހޯދުމަށް ޖުމާން އާއި މުހައްމަދު އަހްމަދު ވަނީ ސަފާރީއެއްގައި ދިގު ދަތުރެއް ކުރުމަށްފަހު ކަނޑުމަތިން ރާއްޖެއިން ބޭރުގެ ބޯޓަކާ ކައިރިކޮށް ގޯނިތަކެއް ސަފާރީ އަށް އަރުވާފަ އެވެ. ނަމަވެސް ސަފާރީގައި ފަހުން އެ ގޯނިތައް ނެތް ކަމަށާއި އެކަމަކު ގޯނިތައް ބަންނަން ބޭނުންކޮށްފައި ހުރި ވައްތަރުގެ ނޫކުލައިގެ ވާގަނޑެއް ސަފާރީން ފެނުނު ކަމަށް އަމުރުގައިވެ އެވެ.