ހަބަރު

"ނަޝީދަށް އަވަސް ފަރުވާއެއް ލިބެންޖެހޭ، ނޫނީ ހާލަތު މާބޮޑަށް ގޯސްވެދާނެ"

ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައްޔަށް ވަރަށް އަވަހަށް ފަރުވާ ކުރަންޖެހޭ ކަމަށާއި ނޫނީ ހާލަތު މާބޮޑަށް ގޯސްވެދާނެ ކަމަށް ނަޝީދުގެ ވަކީލް ޖެރަޑް ޖެންސަ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލްގައި ނަޝީދުގެ ވަކީލް ލިޔުއްވާފައިވާ ލިޔުމެއްގައި އޭނާ ލިޔުއްވާފައި ވަނީ، ނަޝީދުގެ މައިބަދަ އަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އެމަނިކުފާނު އުޅުއްވަނީ ވަރަށް ބޮޑު ވޭނެއްގައި ކަމަށާއި ހަށިގަނޑުގެ ކަނާތްފަޅީގެ ބައެއް ގުނަވަންތައް އައްސި ވުމުގެ މައްސަލަޔާ ކުރިމަތިވެފައިވާ ކަމަށެވެ.

މި ލިޔުމުގައި ޖެރަޑް ތުހުމަތު ކުރައްވަނީ، ނަޝީދުގެ ބައްޔަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ނުފޮނުވުމަކީ ނަޝީދު އަވަހާރަލޮށްލުމުގެ ނިޔަތުގައި ކުރާ ކަމެއް ކަމަށާއި ނަޝީދަށް ބޭނުންވާ ފަރުވާ މިހާރުން މިހާރަށް ނުލިބިއްޖެނަމަ އެމަނިކުފާނު ނެތި ހިނގައިދާނެ ކަމަށެވެ.

"ނަޝީދު ބެއްލެވި ޑޮކްޓަރުން ލަފާދެއްވާފައިވަނީ އެމަނިކުފާނުގެ މަިބަދައިގެ މައިކްރޯސާޖަރީއެއް ހަދަން. ނަމަވެސް އެއީ ރާއްޖެއިން ދެވޭނެ ފަރުވާ އެއް ނޫން. ނަމަވެސް ރައީސް އަބުދުﷲ ޔާމީން އަންނަނީ ނަޝީދު ބޭރަށް ފޮނުވުމާއި ދެކޮޅު ހަދަމުން" ޖެރާޑްގެ ލިޔުމުގައިވެ އެވެ.

އެހެން ނަމަވެސް ހޯމް މިނިސްޓަރު އުމަރު ނަސީރުވަނީ ނަޝީދުގެ ބައްޔަށް ރާއްޖެއިން ފަރުވާ ކުރެވޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ނަޝީދުގެ ބައްޔާއި ބެހޭ މައުލުމާތު ސަރުކާރުގެ ފަރާތުން އުމަރު އާއްމު ކުރައްވަމުން ގެންދަވާތީ ރައީސް ނަޝީދުގެ އޮފީހުންވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

ޖެރާޑްގެ ލިޔުއްވުމުގައި މި ސަރުކާރަށް އަދި ރައީސް ޔާމީން އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެ އެވެ. އެގޮތުން ރައީސް ޔާމީނަކީ އިންސާނީ ހައްގުތަކަށް ކަމޭނުހިއްތަވާ އަދި ރައްޔިތުންނަށް އިތުބާރު ނުކުރާ ރައީސް އެއް ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ޖެރާޑް ވަނީ ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި އިންސާނީ ހައްގުތަކަށް އަރައި ގަންނަ ފަރާތްތަކުގެ މުދާ ހިފަހައްޓައި ދަތުރުކުރުން މަނާކުރަން ގޮވާލައްވާފަ އެވެ.

ނަޝީދުގެ މައިބަދައިގެ އޮޕަރޭޝަނަށް ބޭރަށް ދިޔުމަށް އެމަނިކުފާނުގެ އާއިލާއިން ހޯމް މިނިސްޓްރީގައި އެދިފައިވެ އެވެ. އެހެން ނަމަވެސް ހޯމް މިނިސްޓްރީ އާއި ކަރެކްޝަނަލް ސާވިސް އިން ބުނެފައި ވަނީ އެ އޮޕަރޭޝަން ރާއްޖޭގައި ކުރެވޭނެ ކަމަށެވެ.