ހަބަރު

ޕާޕާގެ މައްސަލަ ކޯޓުން ބަލައިނުގަތުމުން ފަނޑިޔާރުންގެ މަޖިލީހަށް

ސިފައިން ގޭގައި ހައްޔަރުކޮށްފައި ހުރި މާލޭ އޭރިޔާގެ ކޮމާންޑަރު، އަހުމަދު ފަޔާޒު (ޕާޕާ) ދޫކުރުމުގެ އަމުރަކަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަ، އެ ކޯޓުން ބޭރުކޮށްލުމާ ގުޅިގެން ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އެ މައްސަލަ އިސްތިއުނާފް ކުރަން ނިންމައިފި އެވެ.

މިިދޔަ އޮކްޓޯބަރު މަހުން ފެށިގެން، ސިފައިން ގޭގައި ހައްޔަރުކޮށްފައިވާ ޕާޕާގެ ފަރާތުން އޭނާގެ ވަކީލް ކްރިމިނަލް ކޯޓަށް ހުށަހެޅި ހެބިއަސް ކޯޕަސްގެ މައްސަލަ ބަލައިނުގަންނަން ނިންމީ، ޕާޕާ ހުރީ ހައްޔަރުކޮށްފައި ނޫން ކަމަށް ސިފައިން ކްރިމިނަލް ކޯޓަށް އެންގުމުންނެވެ.

ކޯޓުން މިގޮތަށް ނިންމާ، މައްސަލަ ބޭރުކޮށްލާފައިވާއިރު ރެޖިސްޓްރާ ނިންމާ ނިންމުންތައް ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު މައްސަލަ ހުށަހަޅާ ފަރާތްތަކަށް އޮވެ އެވެ.

އެހެންކަމުން ޕާޕާގެ މައްސަލަ މިހާރު ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފުކުރުމަށް ނިންމާފަ އެވެ.

މީގެ ކުރިން އެސްޕީޖީ އާއި ބަޑި ގުދަން ވެސް ބަލަހައްޓަން ހުންނެވި، ފަޔާޒު ސިފައިން ގޭގައި ބަންދު ކުރީ ރައީސް އަށް އަމާޒުކޮށް ދިން ހަމަލާގެ ތުހުމަތުގަ އެވެ. އޭނާ އާ އެކު ސިފައިން ގޭގައި އިތުރު ދެ މީހަކު ހައްޔަރު ކޮށްފައިވެ އެވެ. އަދި ފުލުހުން ވެސް ވަނީ ސިފައިންގެ ދެ މީހަކު ހައްޔަރު ވެސް ކޮށްފަ އެވެ.