ހަބަރު

ރަޝިއާގެ ހެކަރު ހައްޔަރުކުރީ ރާއްޖޭގެ ގާނޫނުތަކާ ހިލާފަކަށް ނޫން: ކޯޓް

ރަޝިއާގެ ހެކަރެއް ކަމަށް ބުނާ ރޯމަން ވެލެރެވިކް ސެލެޒްނޯވް ރާއްޖޭގެ އެއާޕޯޓްގައި ހުއްޓާ ހައްޔަރުކުރީ ރާއްޖޭގެ ގާނޫނުތަކާ ހިލާފަށް ނޫން ކަމަށް އެމެރިކާގެ ކޯޓަކުން ނިންމައިފި އެވެ.

އެމެރިކާގެ އެޖޭންޓުތަކަކުން ސެލެޒްނޯވް ހައްޔަރުކުރީ، މިދިޔަ އަހަރު ރާއްޖެއިން ފުރުމަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓާއެވެ. ސެލެޒްނޯވް ހައްޔަރުކުރީ އެމެރިކާގެ ވިޔަފާރި ކުންފުނިތަކުގެ އެކައުންޓްތައް ހެކްކޮށް، ދެ މިލިއަނަށް ވުރެ ގިނަ މީހުންގެ ކްރެޑިޓް ކާޑުގެ މައުލޫމާތު ވަގަށް ނެގިކަމުގެ ތުހުމަތުގަ އެވެ.

ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ދަރިއެއް ކަމަށްވާ ސެލެޒްނޯވް ވަނީ އެމެރިކާގެ ކޯޓަކަށް އޭނާ ރާއްޖެއިން ހައްޔަރުކޮށްފައިވަނީ ރާއްޖޭގެ ގާނޫނުތަކާ ހިލާފަށް ކަމަށްބުނެ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ ބާތިލުކޮށްދިނުމަށް އެދިފަ އެވެ. ނަމަވެސް ކޯޓުން އެ މައްސަލަ ނިންމާފައިވަނީ އޭނާއާ ދެކޮޅަށެވެ.

ދައުވާ ބާތިލުކުރެވެން ނެތްކަން ކޯޓުން ނިންމުމާ ގުޅިގެން އަންނަ އަހަރު މެއި މަހުގެ ތެރޭގައި އޭނާގެ ޝަރީއަތް ފަށާނެ އެވެ.

ސެލެޒްނޯވް ހައްޔަރުކުރުމުގައި ރާއްޖޭގެ ގާނޫނާ ހިލާފު ކަމެއް ކޮށްފައިނުވާނެ ކަމަށް ވިދާޅުވެ އެ މައްސަލަގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދައްކަވާފައިވާ ވާހަކަތަކަށް ވެސް މައްސަލަ ބެއްލެވި ފަނޑިޔާރު ރިޔާއަތް ކުރައްވާފައިވެ އެވެ. އަދި ރައީސް ދައްކަވާފައިވާ ވާހަކަތަކާއި ސެލެޒްނޯވް ހައްޔަރުކުރުމުގައި ހަރަކާތްތެރިވި އެޖެންޓުންގެ ވާހަކަތަކާ ދިމާވާ ކަމަށް ވެސް މައްސަލަ ބެލެެއްވި ފަނޑިޔާރު ރިޗާޑް ޖޯންސް ވިދާޅުވެފަ އެވެ.

ޝަރީއަތުގެ މަޖިލީހުގައި، ސެލެޒްނޯވް ހައްޔަރުކުރީ ރާއްޖޭގެ ގާނޫނުތަކާ ހިލާފަށް ކަމަށް ވިދާޅުވެ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ހެކިބަސް ދެއްވާފައިވެ އެވެ.