މާފުށީ ޖަލު

ކޮވިޑް ކޭސްތަކެއް ފެނުމުން މާފުށި ޖަލު ކުއްލި ހާލަތަށް

Jan 14, 2022

މާފުށި ޖަލުން ކޮވިޑް ކޭސްތަކެއް ފެނުމާ ގުޅިގެން މާފުށި ޖަލު ކުއްލި ހާލަތަކަށް ގެނެސް ބައްދަލުވުންތައް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މާފުށި ޖަލުގައި ކޮވިޑް 19ގެ އަލާމާތް ހުރި އޮފިސަރުންނާއި ގައިދީންގެ ސާމްޕަލްތަކެއް ނެގުުމުން ހަތް އޮފިސަރުންނާއި ހަތަރު ގައިދީން ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެ ހާލަތާ ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަދި ކަރެކްޝަންސްގެ އުސޫލުތަކުގެ ދަށުން ފިޔަވަޅުތައް އަޅައި، މިއަދު ހަވީރު 4:00 އިން ފެށިގެން މާފުށި ޖަލު ކުއްލި ހާލަތަށް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

މާފުށި ޖަލު އާންމު ހާލަތަށް ގެނެވެންދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދު މީހުންނަށް އާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުން އަދި ކޯޓުގެ އަޑުއެހުންތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ކަރެކްޝަންސް އިން ބަލަހައްޓަމުންދާ ޖަލުތަކުން ކޮވިޑް ކޭސްތައް ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ޖަލުތައް ބަންދުކޮށް ބައްދަލުވުންތައް އޮންލައިންކޮށް މީގެކުރިން ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.