ދުނިޔެ

އުތުރު ކޮރެއާގައި މިސައިލެއް ރޭލަކުން

އުތުރު ކޮރެއާގައި ދުވެދުވެ އޮތް ރޭލަކުން މިސައިލެއް ފޮނުވާލައިފި އެވެ. މިއީ އެމެރިކާއަށާއި އުތުރަށް ފާޑުކިޔާ ގައުމުތަކަށް ރައްދު ދިނުމަށް އެ ގައުމުން ދައްކާލި މިސައިލެއް ކަމަށް ބުނެވެ އެވެ.

ދެކުނު ކޮރެއާގެ ޗީފް އޮފް ސްޓާފް ވިދާޅުވި ގޮތުގައި ޕިޔޮންޔަންގުން ޖަޕާނު ކަނޑާ ދިމާއަށް ފޮނުވާލި ރޮކެޓްގެ ޒާތާ ބެހޭ އަދި އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައި ނުވެ އެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވީ މިސައިލް އުދުއްސާފައި ވަނީ ކުރިން އެނގިފައި ނެތް ތަނަކުން ކަމަށެވެ.

އުތުރުން މިފަހަކަށް އައިސް މިސައިލް ޓެސްޓް ކުރުން ވަނީ ގިނަ ކޮށްފަ އެވެ. ޚަބަރުތައް ބުނާ ގޮތުން މިސައިލް ޓޭކްނޮލޮޖީގައި އުތުރު ކޮރެއާ އުޅެނީ ވަރަށް ކުރީގަ އެވެ.

ގައުމުތަކުން މިހާރު އަޖުމަބަލަމުން ގެންދާ ހައިޕާސޮނިކް މިސައިލް ޓެކްނޮލޮޖީ ވެސް އުތުރު ކޮރެއާއިން ވަނީ ލިބިގެންފަ އެވެ.

އުތުރު ކޮރެއާގެ ނޫސްތަކުން ބުނާ ގޮތުން ހައިޕާސޮނިކް މިސައިލްތައް އުފައްދަނީ ނިއުކްލިއާ ވޯހެޑް އުފުލޭ ގޮތަށެވެ. އެއީ ތެދެއް ކަމެއް އަދި ނޫން ކަމެއް ވެސް ނޭނގެ އެވެ. އުތުރަކީ މިޒާތުގެ ވަރަށް ގިނަ ވާހަކަ ދައްކާ ގައުމެކެވެ.

އެހެން ނަމަވެސް، ނިއުކްލިއާ ވޯހެޑް އުފުލޭ ފެންވަރަށް ހައިޕާސޮނިކް މިސައިލް ތަރައްގީ ކުރުމަކީ ދެކުނު ކޮރެއާއަށާއި ޖަޕާނަށް އޮތް ވަރަށް ބޮޑު ބިރެކެވެ.

އުތުރު ކޮރެއާގެ އަސްކަރިއްޔާއިން މިދިއަ އަހަރު ސެޕްޓެމްބަރުގައި ވެސް ހައިޕާސޮނިކް މިސައިލެއް ޓެސްޓް ކޮށްފަ އެވެ. އެ ގައުމުން ބުނި ގޮތުން މިދާކަށް ދުވަހު ޓެސްޓްކުރި މިސައިލަކީ ވެސް ހައިޕާސޮނިކް މިސައިލެކެވެ.

ހައިޕާސޮނިކް މިސައިލާ މެދު އޮތް ކަންބޮޑުވުމަކީ މިއީ މިސައިލް ދިފާއުކުރާ ނިޒާމްތަކަށް ވެސް އޮޅުވާލެވޭ ފެންވަރުގެ ހަތިޔާރަކަށް ވުމެވެ. ބެލަސްޓިކް މިސައިލްތަކާ ހިލާފަށް ހައިޕާސޮނިކް މިސައިލްތައް އުދުހި ދަތުރު ކުރަނީ މާބޮޑަށް ވެސް ތިރިންނެވެ.

އަނެއްކޮޅުން ހައިޕާސޮނިކް މިސައިލްތައް އަޑަށް ވުރެ ފަސް ގުނަ ބާރު ދުވެލީގައި ދަތުރު ކުރުމަކީ ވެސް ދިފާއުވާން އޮތް ބޮޑު ހުރަހެކެވެ.