ހަބަރު

ދުނިޔޭގެ ޗެމްޕިއަން ބަލިކޮށް ސިޓީއިން ލީޑް ފުޅާކޮށްފި

ޕްރިމިއާ ލީގުގައި މިރޭ ލަންޑަން ޑާބީން މޮޅުވެ މެންޗެސްޓާ ސިޓީން އެންމެ ފަހުގެ ޗެންޕިއަންސް ލީގުގެ ޗެންޕިއަން ޗެލްސީ 1-0 ލަނޑުން ބަލިކޮށް، ޕްރިމިއާލީގުގެ އެއްވަނާގައި 12 ޕޮއިންޓު ގެ ލީޑެއް ނަގައިފިއެވެ.

މެޗުގައި ޗެލްސީގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ މި ފަހުން އެޓީމުން ފަރާތުން ފެނުނު އެންމެ ދައް ކުޅުމެކެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުފައި އެޓީމަށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ. މީގެ ކުރިން ޗެލްސީއަށް މިހެން ދިމާވީ 2018 ވަނަ އަހަރު ނިއުކާސަލް ޔުނައިޓެޑް އާއި ދެކޮޅަށް ކުޅެނު މެޗުގައެވެ.

ނަމަވެސް ސިޓީން އައީ ގާތް ގާތުގައި ޗެލްސީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ފުރަތަމަ ހާފުގައި ޖެކް ގްރީލިޝް އަށް ވަނީ ވަރަށް ހުސް ފުރުސަތެއް ލިބިގެން ގޮއްސައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔަ އިރު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އައީ ދެވަނަހާފުގެ 70 ވަނަ މިނެޓުގައި ކެވިން ޑިބްރައިނާގެ ފަރާތުންނެވެ. މިލަނޑު އޭނާ ކާމިޔާބު ކުރީ އޭރިޔާ ބޭރުން ސެމީ ސާކަލްގެ އަރިމަތީ ހުރެ ކަނާތް ފަރާތަށް ފޮނުވާލި ކާވް ބޯޅައަކުންނެވެ.

މެޗުގައި ސިޓީން ވަނީ އޮންޓާގެޓަށް 6 ހަމަލާ ފޮނުވާ ލާފައެވެ. ޗެލްސީއަށް އޮންޓާގެޓަށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ. އަދި މީގެ އިތުރުން ޗެލަސީގެ ދެ ޑިފެންޑަރުން ކަމުގައިވާ މަޓޭއޯ ކޮވަސިޗް އަދި މާކަސް އެލޮންސޯ އަށް ވަނީ ރީނދޫ ކާޑު ދައްކާފައެވެ.

މި މޮޅާއެކު ސިޓީން ވަނީ މިއަހަރުގެ ޕްރިމިއާ ލީގުގައި ވިދިވިދިގެން 12 މޮޅު ހޯދާފައެވެ.