ސައޫދީ އަރަބިއްޔާ އާއި އީރާން ގުޅުން ބަދަހި ކުރަން މިދިއަ އަހަރުން ފެށިގެން އަންނަނީ މަޝްވަރާ ކުރަމުންނެވެ. އީރާން ފޮރިން މިނިސްޓްރީގެ ތަރުޖަމާން ސައީދު ހަތީބުޒާދާ ވިދާޅުވި ގޮތުގައި ފިޔަވަހި ތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ މަޝްވަރާތައް ކާމިޔާބެވެ.
އީރާންގެ ނޭޝަނަލް ސެކިޔުރިޓީ އެންޑް ފޮރިން ޕޮލިސީ ކޮމިޝަންގެ މެމްބަރު ޖަލީލް ރަހީމީ ވެސް ވަނީ ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުން ޓްވީޓާގައި ބަސް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުން ދެ ގައުމުގެ މަޝްވަރާތައް މިހާރު އޮތީ އަލުން އެމްބަސީ ހުޅުވުމާ ހިސާބުގަ އެވެ.
ސައުދީ އާއި އީރާނުން ސިޔާސީ ގުޅުން ކަނޑާލީ ޖެނުއަރީ 2016 ގައެވެ. ދެ ގައުމުގެ ދެމެދުގައި މައްސަލަޖެހި އެމްބަސީ ބަންދުކުރާ ހިސާބަށް ދިޔައީ އީރާންގެ ޝީއީ އިލްމްވެރިޔާ، ބާގިރު ނިމްރަށް ސައޫދީގައި މަރުގެ ހުކުމް އިއްވުމާ ގުޅިގެންނެވެ.
މި މައްސަލަގަނޑުގެ ތެރޭގައި އީރާންގެ ވެރިރަށް ތެހެރާންގައި ހުންނަ ސައޫދީ އެމްބަސީގައި ހުޅުޖަހައި މަޝްހަދުގައި ހުންނަ ސައޫދީ ޑިޕްލޮމެޓިކް އޮފީހުގައި ވެސް ރޯ ކޮށްލި އެވެ.
ދެ ގައުމުގެ ގުޅުން ކެނޑިފައި އޮންނަތާ ހައެއްކަ އަހަރު ފަހުން ދެ ގައުމުން މިހާރު ގެންދަނީ މަޝްވަރާގެ ތެރެއިން ސިޔާސީ ގުޅުން ގާއިމުކޮށް ދެމެހެއްޓޭނެ ގޮތެއް ހޯދަމުންނެވެ.
އީރާންގެ މިހާރުގެ ރައީސް، އިބްރާހީމް ރައީސީ، ރައީސް ކަމާ ހަވާލު ވަޑައިގެން ދެއްކެވި ވާހަކަތަކުގައި، ސަައޫދީއާއެކު ގުޅުން ބަދަހި ކުރަން ބޭނުންފުޅުވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ރަޢީސީ ވިދާޅުވި ގޮތުގައި ސައޫދީއާ ގުޅުން ބަދަހި ނުކުރެވެންވީ ސަބަބެއް ނެތެވެ.
އީރާންގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުލާހިޔާން ވިދާޅުވި ގޮތުގައި މަޝްވަރާތައް މިހާރު އޮތީ ދެ ގައުމުން ކުރަން ކަނޑައަޅާ ކަންތައްތައް ހަމަޖެއްސުމާ ހިސާބުގަ އެވެ. އޭނާ ވިދާޅުވީ މަޝްވަރާތައް ކުރިއަށް ދަނީ ދެ ގައުމަށް ވެސް އެންމެ ފައިދާބޮޑު ގޮތަށް ކަމަށެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މަޝްވަރާތައް ކޮޅެއްގައި ޖެހުމުން ދެގައުމުގެ ވިޔަފާރި ފުޅާކުރާނެ އެވެ. އަދި އާންމު ދަތުރުތަކަށް ހުޅުވާލާނެ އެވެ.