ހަބަރު

އެސްޓަން ވިލާއިން ޔުނައިޓެޑް ހިފަހައްޓައިފި

އިނގިރޭސި ޕްރިިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު 2-2 އިން އެއްވަރު ވެގެން ނިމިއްޖެ އެވެ

މި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ އެސްޓަން ވިލާއަށް މެޗު ހަމަހަމަ ކޮށް ދިނީ މި ޓްރާންސްފާގައި ސްޕެއިންގެ ބާސެލޯނާއިން ބަދަލުވި ބްރެޒިލްގެ ފޯވާޑް ޕިިލިޕޭ ކުޓީނިއޯ އެވެ. އޭނާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ރޭ ފެނިގެން ދިޔަ އެވެ.

ގިނަ ގޯލު ތަކެއް ކާމިޔާބު ނުކުރެވުނު ކަމުގައި ވިޔަސް މެޗުގެ ފުރަތަމަ ހާފު އެއްކޮށް ކަހަލަ ގޮތަކަށް ޔުނައިޓެޑުން ވަނީ ގިނަ ހަމަލާ ތަކެއް އުފައްދައި އެސްޓަން ވިލާގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ.

މެޗުގައި ޔުނައިޓެޑުން ކާމިޔާބު ކުރި ދެ ލަނޑު ވެސް ޖެހީ ރޭގެ މެޗުގައި ޔުނައިޓެޑުގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅުނު ބްރުނޯ ފެނާންޑޭޒް އެވެ. ފުރަތަމަ ލަނޑު ފެނިގެން ގޮސްފައި ވަނީ ހަވަނަ މިނެޓުގައި ހިލޭ ޖެހުމަކުންނެވެ. ދެވަނަ ގޯލު ދެވަނަ ހާފުގެ 67 ވަނަ މިނެޓުގަ އެވެ.

ޔުނައިޓެޑުން ދެ ގޯލުގެ ލީޑެއް ނެގުމާއެކު އެސްޓަން ވިލާގެ ކޯޗު އަދި ކުރީގެ އިނގިރޭސި ކެޕްޓަން ސްޓީވަން ޖެރާޑް، ކުޓީނިއޯ ކުޅެން ނެރުނެވެ. ކުޓީނިއޯ ކުޅެން އެރިތާ ގިނަ އިރު ތަކެއް ނުވެ 77 ވަނަ މިނެޓުގައި އެސްޓަން އިން އެ ޓީމުގެ ފުރަތަމަ ގޯލު ޖަހާ ފަރަގު ކުޑަކުރި އެވެ. އެ ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ވޭލްސް ގެ ޖަކޮބް ރަމްސޭ އެވެ. އޭނާގެ މިގޯލަކީ ކުޓީނިއޯގެ އެސިސްޓަކުން ކާމިޔާބު ކުރި ގޯލެކެވެ.

މި ގޯލަށް ފަހު ހަތަރު މިނެޓު ފަހުން ދެން ފެނިގެން ދިޔައީ ކުޓީނިއޯ ގޯލެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކުރިތަނެވެ. މި ގޯލަށް ފަހު އެސްޓަން ވިލާގެ ފަރާތުން ޔުނައިޓެޑްގެ ގޯލަށް ވަނީ ގިނަ ހަމަލާތައް ދީފަ އެވެ.

މި މެޗުގެ ކުރިން މިއަހަރު އޯލްޑް ޓްރަފޯޑް ގައި ވެސް އެސްޓަން ވިލާއިން 1-0 ގެ ނަތީޖާ އަކުން ޔުނައިޓެޑް ބަލި ކުރި އެވެ. މި ނަތީޖާއާއެކު ކުޅުނު 20 މެޗުން ލިބުނު 36 ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ ޕްރިމިއާލީގުގެ ހަ ވަނައިގަ އެވެ.