މަޑިވަރު

މަޑިވަރު އެއާޕޯޓް ހިންގުން މޯލްޑިވިއަންއަށް

ޅ. މަޑިވަރު އެއާޕޯޓް ހިންގުން ގައުމީ އެއާލައިން މޯލްޑިވިއަންއާ ހަވާލުކޮށްފި އެވެ.

އެއާޕޯޓް ތަރައްގީކުރި ކުރެއްދޫ ހޯލްޑިންސް އާއި މޯލްޑިވިއަންއާ ދެމެދު އެކަމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

މޯލްޑިވިއަން އިން ބުނީ މަޑިވަރު އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް އެ ކުންފުންޏާއި ކުރެއްދޫ ހޯލްޑިންގްއާ ގުޅިގެން ފަށާފައިވާ ކަމަށެވެ. އަދި އެއާޕޯޓް ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތައް ނިމުމާއެކު މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފެބްރުއަރީ މަހު މަޑިވަރު އެއާޕޯޓަށް ފަށަން ނިންމާފައިވާ ކަމަށްވެސް ބުންޏެވެ.

ސިޓީ ހޮޓަލާއެކު މަޑިވަރުގައި ރީޖަނަލް އެއާޕޯޓެއް އަޅަން މަޝްހޫރު ޓޫރިޒަމް ކުންފުނި ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ސަބްސިޑަރީއެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއާ ހަވާލުކުރީ 29 މެއި 2018 ގައެވެ

ކުރިން ސިފައިންގެ ޓްރެއިނިން މަރުކަޒެއް ހިންގި މަޑިވަރުގައި އެއާޕޯޓު ތަރައްގީ ކުރުމަށް ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު އިންވެސްޓްކުރި ކަމަށް ކުރެއްދޫ ހޯލްޑިންސްއިން ކުރިން ބުނެފައިވެ އެވެ.

މަޑިވަރު އެއާޕޯޓަކީ ރާއްޖޭގައި ހަދާފައިވާ ރީޖަނަލް އެއާޕޯޓުތަކެކޭ އެއް ސައިޒުގެ އެއާޕޯޓެކެވެ. މި އެއާޕޯޓުގެ މަސައްކަތް ކޮށްފައިިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ގިނަ މަސައްކަތްތަކެއް ކުރާ، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އިންނެވެ.

މަޑިވަރު އެއަރޕޯޓް ހިންގުމާއި އައިލެންޑް އޭވިއޭޝަނުން ހަވާލުވެފައިވާއިރު މިވަގުތު ވެސް ޑޮމެސްޓިކް ތިން އެއާޕޯޓެއް އެ ކުންފުނިން ހިންގައެވެ. އެއީ ބ.ދަރަވަންދޫ އާއި ތ. ތިމަރަފުށި އަދި ރ. އިފުރު އެއާޕޯޓެވެ. މީގެ އިތުރުން ނ. މާފަރު އިންޓާނޭޝަނަލް އެއާޕޯޓް ހިންގަނީވެސް އެ ކުންފުނިންނެވެ.