ދުނިޔެ

އަބޫދާބީއަށް ހޫތީން ދިން ހަމަލާ ކުށްވެރިކުރަން: އިންޑިއާ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ދިން ޓެރަރިސްޓް ހަމަލާ ކުށްވެރިކުރާ ކަމަށް އިންޑިއާ ބުނެފި އެވެ.

ޔޫއޭއީގެ ފޮރިން މިނިސްޓަރު އަބްދުﷲ ބިން ޒައިދު އައްނަހްޔާން އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު މި ހަމަލާއާ ބެހޭ ގޮތުން ވަނީ ފޯނުން މަޝްވަރާ ކުރައްވާފަ އެވެ.

ޖައިޝަންކަރު ވިދާޅުވި ގޮތުގައި ޔޫއޭއީއަށް ޓެރަރިސްޓް ހަމަލާއެއް ދެވިގެން ނުވާނެ އެވެ. އިންޑިއާ އަބަދުވެސް އޮންނާނީ މިފަދަ ހާލަތްތަކުގައި ޔޫއޭއީއާއެކު ކަމަށް ވެސް ވިދާޅުވި އެވެ.

ޔަމަނުގައި އަމިއްލަ ސަރުކާރެއް އުފައްދަން ހަނގުރާމަކުރާ ހޫތީން އަބޫދާބީއަށް ދިން ޑްރޯން ހަމަލާއެއްގައި އިންޑިއާ ދެމީހަކު މަރުވެ ދެ މީހަކަށް ބޮޑެތި އަނިޔާ ލިބިފައިވެ އެވެ. މި ހަމަލާގައި ޕާކިސްތާން ރައްޔިތަކު ވެސް މަރުވި އެވެ.

ޔޫއޭއީގައި އިންޑިއާ އަދި ޕާކިސްތާން މީހުން ވަރަށް ގިނަ އެވެ. އިންޑިއާ/ ޕާކިސްތާނަށް ނިސްބަތްވާ ސައިންސްވެރިންނާއި އިންޖިނޭރުން، ޑޮކްޓަރުން އަދި މުދައްރިއްސުން ޔުނިވާސިޓީތަކުގައި މަސައްކަތްކުރެ އެވެ.

ޔަމަނަށް ބޭސް ހިފައިގެން ޖެނުއަރީ ތިނެއްގައި ދިޔަ ޔޫއޭއީ ބޯޓެއް ވެސް ވަނީ ހޫތީން ޖަހައިގެންފަ އެވެ. ބޯޓުގައި ތިބި 11 ފަޅުވެރިންގެ ތެރެއިން ހަތް ފަޅުވެރިންނަކީ ވެސް އިންޑިއާ ރައްޔިތުންނެވެ. އެމީހުން ދޫކޮށްލަން އިންޑިއާ އޮތީ ގޮވާލާފަ އެވެ.

ހޫތީން ބުނާ ގޮތުން ޔޫއޭއީއަށް އަދި ވެސް ހަމަލާ ދޭނެ އެވެ. ހަމަލަދޭނެ ވަކި ތަންތަން މިހާރު ވެސް ކަނޑައަޅާފައިވާ ކަމަށް އެ ޖަމާއަތުން ބުނެ އެވެ.

ހޫތީންނަކީ އީރާނުން މަދަދުވެރިވާ ޖަމާއަތެކެވެ. ހަތިޔާރާއި ފައިސާ ފޯރުކޮށް ދިނުމުގައި އީރާނަށް މަދަދުވެރި ވަނީ ލުބްނާންގައި ތިބި ހިޒްބުﷲ ޖަމާތުގެ މެންބަރުންނެވެ.

އަބޫދާބީއަށް ދިން ހަމަލާގެ ބަދަލު ހިފާނެ ކަމަށް އަރަބި ކޯލިޝަނުން ބުނިތާ އިރުކޮޅެއްގެ ތެރޭގައި ވަނީ ހޫތީންނަށް ހަމަލާދޭން ފަށާފަ އެވެ. ޔަމަނުގެ ވެރިރަށް ސަންއާގައި ހޫތީން ފިލާ ތިބޭ މަރުކަޒުތަކަށް މިހާރު ވެސް ގެންދަނީ ހަމަލާ ދެމުންނެވެ.