ބޭރު ކުޅިވަރު

ކްލޮޕާހެދި ކުޅުންތެރިން ތިބީ ހިނިތުންވެފައި: ޖެރާޑް

ލިވަޕޫލްގެ މިހާރުގެ ކޯޗު ޖާގަން ކްލޮޕް ލިވަޕޫލް މުޅިން ބަދަލުކޮށްލައިފި ކަމަށާއި ކޯޗުގެ ސަބަބުން ހުރިހާ ކުޅުންތެރިންގެ މޫނުމަތިން ވެސް ފެންނަނީ އުފާވެރިކަން ކަމަށް ކުރީގެ ކެޕްޓަން ސްޓީވަން ޖެރާޑް ބުނެފި އެވެ.

ލިވަޕޫލް ނޫން ކުލަބަކަށް ނުކުޅެ ހުރުމަށްފަހު މިދިޔަ ސީޒަން ނިމުމުން އެމެރިކާގެ އެލްއޭ ގެލެކްސީ އަށް ބަދަލުވި 35 އަހަރުގެ ޖެރާޑް ބުނީ ކްލޮޕްއާއެކު މަސައްކަތް ކުރަން އޭނާ ކެތްމަދުވެފައިވާ ކަމަށެވެ.

"އަހަރެން ހިތަށް އަރާ އަހަރެންގެ އުމުރުން 25 ނުވަތަ 26ގައި ނުވަތަ އަހަރެން ޕީކްގައި ހުއްޓާ އޭނާއާއެކު ލިވަޕޫލްގައި މަސައްކަތް ކުރަން ފުރުސަތު ލިބުނުނަމަ ހާދަ ރަނގަޅުވީހޭ. އަހަންނަށް ފެނިއްޖެ އޭނާ ކުޅުންތެރިން މޯޓިވޭޓް ކުރަން ކުރާހާ މަސައްކަތް. އަހަރެން ކްލޮޕް ދެކެފިން ދުރުގައި ހުރެވެސް. މިހާރު އޭނާގެ މަސައްކަތް ކައިރިން ފެނުމުން އަހަންނަށް އޭނާގެ ސްޓައިލް ވަރަށް ބޮޑަށް ކަމުގޮސްފި،" އެމެރިކާ އާ ލީގު ފަށަންދެން ލިވަޕޫލާއެކު ފަރިތަކުރަމުން އަންނަ ޖެރާޑް ބުންޏެވެ.

އޭނާ ބުނީ ކްލޮޕްގެ ސަބަބުން ލިވަޕޫލްގެ މުޅި މާހައުލުގައިވަނީ އުފާވެރިކަން ކަމަށާއި ކޯޗު ބޭނުންވަނީ އަބަދުވެސް ކުޅުންތެރިންނާއެކުގައި އުޅެން ކަމަށެވެ.

"އަހަރެން އޭނާއާއެކު ކޮފީއެއް ބޮއިގެން ނުކުތް އިރު އަހަރެން ހުރީ އުފަލުން. އަހަރެން ކުރިއަށްވުރެ ބޮޑުވެއްޖެ. އަހަންނަކީ އޭނާގެ ކުޅުންތެރިއެއްނޫން. އެކަމަކު އަހަންނަށް ވަޒަންކުރެވުނު އޭނާގެ ކުޅުންތެރިންނަށް އޭނާ ޗޭންޖިން ރޫމުގައި ކޮށްދޭނެ ކަންތައްތައް. ލިވަޕޫލްގެ މާހައުލަށް އޭނާގެ ސަބަބުން ދިރުން ލިބިއްޖެ. ކުޅުންތެރިން ފަރިތަކުރަނީ ވަރަށް ޖޯޝުގައި. އޭނާ ބޭނުންވަނީ ކުޅުންތެރިން އަބަދުވެސް އުފަލުގައިތިބެން. އޭނާ ބޭނުމެއްނުވޭ އެއްވެސް ކުޅުންތެރިއަކު ޕްރެޝަރަވައްޓާލާކަށް، ކަންކަމާ ހާސްވެ ކަންބޮޑުވާކަށް،" ޖެރާޑް ބުންޏެވެ.

ކުރިއަށް އޮތް ޖެނުއަރީ މަހު ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެން ފުރުސަތު އޮތް ނަމަވެސް ޖެރާޑް އެކަން ކުރާކަށް ބޭނުމެއްނުވެ އެވެ. އަދި ކްލޮޕް ކުޅުންތެރިން ގެންގުޅޭ ގޮތާއި އޭނާގެ އާދަތަކުން ސަބަބުން ޖެރާޑަށް ވެސް ގިނަ ކުރިއެރުންތަކެއް ލިބިއްޖެ ކަމަށެވެ.

"އަހަރެން ލޯބިކުރަން އޭނާ ކުޅުންތެރިން ގެންގުޅޭގޮތަށް. އަހަރެން ވަރަށް ގަޔާވޭ އޭނާގެ ކުޅުންތެރިންނާއި ޓީމު ގެންގުޅޭގޮތަށް. އަދި އޭނާގެ ރޭވުންތަކާމެދު ވެސް. އަހަރެން އޭނާ ދެކެފިން ދުރުގައި ހުރެވެސް. އެކަމަކު އޭނާއާއެކު މަސައްކަތްކޮށްލަން ފުރުސަތު ލިބުމުން ވަރަށް ތަފާތު ތަޖުރިބާއެއް. ކުޅުންތެރިއެއްގެ ގޮތުގަ އާއި ލިވަޕޫލްގެ ކުރީގެ ކުޅުންތެރިއެއް އަދި ސަޕޯޓަރެއްގެ ގޮތުންނާއި ފުޓްބޯޅަ ދިރާސާ ކުރާ މީހެއްގެ ގޮތުގެ އިތުރުން އަމިއްލަ ނަފްސު ވެސް އޭނާގެ ސަބަބުން ކުރިއަރައިފި،" ޖެރާޑް ބުންޏެވެ.

ލިވަޕޫލަށް 2005 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކެޕްޓަން ޖެރާޑް ވަނީ ކުޅުން ހުއްޓާލުމަށްފަހު ލިވަޕޫލްގެ ކޯޗިން ޓީމުގައި ނުވަތަ މެނޭޖްމަންޓުގައި ވެސް މަސައްކަތް ކުރަން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.