ބޮލީވުޑް

ރަންބީރާއި ކެޓްރީނާއާ ދެމެދު މައްސަލަ ޖެހުނީބާ؟

Dec 19, 2015
1

ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފް އުޅެނީ ލޯބީގެ ގޮތުން ރައްޓެހިވެގެން ކަމަށް މިދެތަރިން އެއްބަސްވިތާ އަދި މާގިނަ ދުވަހެއްނުވެ އެވެ.

މިދެތަރިން ވަރަށް އަވަހަށް ކައިވެނިކުރަން އުޅޭ ކަމުގެ އަޑުތަކެއްވެސް މިފަހުން އަރާފައިވާއިރު، އެންމެފަހުގެ ހަބަރުތައް ބުނާގޮތުން ރަންބީރާއި ކެޓްރީނާއާ ދެމެދު އުޅެނީ ވަރަށް ބޮޑު މައްސަލަތަކެއް ޖެހިގެންނެވެ.

ރަންބީރުގެ އެންމެފަހުން ނިކުތް ފިލްމު "ތަމާޝާ" އަކީ ކުރީގެ ލޯބިވެރިޔާ ދިޕިކާ ޕަދުކޯން އާއެކު ކުޅުނު ފިލްމަކަށްވެފައި، ފިލްމުގެ ޝޫޓިންގެ ތެރޭގައި އާއި ފިލްމުގެ ޕްރޮމޯޓްކުރުމުގައި މިދެތަރިން އެކުގައި ގިނަވަގުތު ހޭދަކޮށްފައިވާއިރު، އެކަމުގެ ސަބަބުން ރަންބީރާއި ކެޓްރީނާގެ ގުޅުމަށް ވަނީ އަސަރުތަކެއް ކޮށްފަ އެވެ.

ރަންބީރާ ދިޕިކާގެ ދެމެދުގައި "ތަމާޝާ" ކުޅެން ފެށިފަހުން އަލުން އެކުވެރިކަން ބަދަހިވެފައިވާއިރު، މިދެތަރިވެސް ވަނީ މިފިލްމު ޕްރޮމޯޓްކުރުމުގެ ތެރެއިން އެކަކު އަނެކަކަށް އިންތިހާއަށް ތައުރީފުކޮށްފަ އެވެ. ރަންބީރާއި ދިޕިކާގެ ދެމެދުގައި އުފެދު ގާތްގުޅުމަކީ ކެޓްރީނާގެ ހިތަށް ބަލަން ކުޅަދާނަ މަންޒަރުތަކަށް ނުވިއިރު، މިކަމުގެ ސަބަބުން ކެޓްރީނާ އާއި ރަންބީރުގެ ދެމެދުގައި ނުތަނަވަސްކަން ވެރިވެ ދެމީހުންގެ ގުޅުން ވަނީ ހީނަރުވެފަ އެވެ. އެގޮތުން ކެޓްރީނާ ވަނީ ރަންބީރާއި ދެމީހުންގެ ދެމެދުގައި ޖެހިގެން އުޅޭ މައްސަލަ ހައްލުކުރުމަށް ނިންމާފަ އެވެ.

މިވަގުތު ރަންބީރު ޑައިރެކްޓަރު ކަރަން ޖޯހަރުގެ "އެއި ދިލްހޭ މުޝްކިލް"ގެ މަންޒަރުތައް ލަންޑަނުގައި ނަގަމުން އަންނައިރު، ކެޓްރީނާ ވަނީ ކްރިސްމަސް އޭނާގެ އާއިލާ އާއެކު ފާހަގަކުރުމަށްފަހު، ރަންބީރާއެކު އާއަހަރު ފާހަގަކުރުމަށް ދާން ނިންމާފަ އެވެ.

ބައެއް ނޫސްތަކުގައިވާ ގޮތުން ކެޓްރީނާ ވަނީ އޭނާ އާއި ރަންބީރާ ދެމެދު މައްސަލަތަކެއް ޖެހިގެން އުޅޭ ކަމަށް ބުނެފަ އެވެ. އަދި ރަންބީރާއި ހީނަރުވެފައިވާ ގުޅުން ރަނގަޅު ކުރުމަށް ފުރުސަތެއް ދޭން ބޭނުންވެފައިވާ ކަމަށް ބުނެފަ އެވެ. އެގޮތުން ރަންބީރާއެކު ކެޓްރީނާ އުޅެން ބޭނުންވާކަން ހާމަކުރަމުން އޭނާގެ ބައެއް އެކުވެރިން ކައިރީގައިވަނީ އާއަހަރުގެ ޗުއްޓީ ރަންބީރާއެކު ވަރަށް ޕްރައިވެޓް ރަށެއްގައި ހޭދަކުރުމަށް ނިންމާފައިވާ ކަމަށް ބުނެފަ އެވެ.

ބުނެވޭ ގޮތުގައި ކްރިސްމަސް ފާހަގަކުރުމަށް ކެޓްރީނާ ލަންޑަނަށް ދިއުމަށްފަހު، މިދެތަރިން ޗުއްޓީ ހޭދަކުރުމަށް ލަންޑަނުން ދިއުމަށް ހަމަޖެހިފައިވަނީ އެކުގަ އެވެ. އަދި ދެމީހުން އެކުގައި ޗުއްޓީ ހޭދަކުރުމަށްފަހު ޖެނުއަރީ ތިންވަނަ ދުވަހު އެނބުރި މުމްބައި އަށް އައިސް އެދެމީހުން އެކުގައި ކުޅޭ "ޖައްގާ ޖާސޫސް"ގެ ބާކީ ހުރި މަންޒަރުތައް ނެގުމުގެ މަސައްކަތް ފަށާނެ އެވެ.

ރަންބީރު ދިޕިކާ ދޫކޮށް، ކެޓްރީނާ އާއި ލޯބީގެ ގޮތުން ގުޅުނު ހިސާބުން ފެށިގެން ދިޕިކާ އާއި ކެޓްރީނާގެ ދެމެދު ބަހުގެ ހޫނު ހަމަލާތައް ބަދަލުކުރަމުން އަންނައިރު، ފުރުސަތެއް ލިބުމުން ދެތަރިންވެސް އަންނަނީ އެކަކު އަނެކަކަށް ބަހުގެ ހޫނު ހަމަލާތައް ދެމުންނެވެ.

"ތަމާޝާ" ޕްރޮމޯޓްކުރުމަށް ބޭއްވި އިވެންޓްތަކުގައި ނޫސްވެރިންނާއި ވާހަކަދައްކަމުން ދިޕިކާ ވަނީ އަދިވެސް އޭނާ ރަންބީރު ދެކެ ވަރަށް ލޯބިވާ ކަމަށާއި އަދި ރަންބީރަށް ކައިވެނި ކުރެވޭނީ އޭނާ ހުއްދަ ދިނުމުން ކަމަށް ބުނެފަ އެވެ. ދިޕިކާގެ މިވާހަކަތަކުން ކެޓްރީނާ އިންތިހާއަށް އޭނާ ދެކެ ހިތްހަމަނުޖެހިފައިވާއިރު، މިފިލްމުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޕާޓީއަށް ދައުވަތު ދިން ނަމަވެސް އޭނާ ވަނީ ދިޕިކާ ކުރިމައްޗަށް އަރަން ބޭނުން ނުވާތީ ރަންބީރުގެ ކާމީޔާބިގައި ބައިވެރިނުވެފަ އެވެ.

ދެހާސް ނުވަވަނަ އަހަރު ނިކުތް "އަޖަބް ޕްރޭމްކީ ގަޒަބް ކަހާނީ" ކުޅުނު ދުވަސްވަރު ގާތްގުޅުމެއް އުފެދި އޭގެ އަހަރުތަކެއް ފަހުން ލޯބީގެ ގޮތުން ރަންބީރާއި ކެޓްރީނާ ގުޅިގެން އުޅުމަށްފަހު ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެކުގައި ވަކިން ދިރިއުޅެން ފަށާފަ އެވެ.