ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިންޑިޔާގެ ބޮޑުވަޒީރު މޯދީ

ރައީސް ސޯލިހަށް އިންޑިއާގެ އެހީތެރިކަން ލިބޭނެ: މޯދީ

Jan 22, 2022
1

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރައްވާ މަސައްކަތްޕުޅުގައި އަބަދުވެސް އިންޑިއާގެ އެހީތެރިކަން ލިބޭނެ ކަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

މޯދީ މިހެން ވިދާޅުވީ ރައީސް ސޯލިހް ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހާމަކުރައްވާ މިއަދު ދިވެހި ބަހުން ކުރެއްވި ޓްވީޓަކާ ގުޅިގެން ރައީސް އަށް އަވަސް ޝިފާ އަކަށް އެދިވަޑައިގެން ކުރެއްވި ޓްވީޓެއްގަ އެވެ.

މޯދީ ވިދާޅުވީ ކޮވިޑް 19 އާއި ގުޅިގެން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން ކާމިޔާބުކަމާއެކު އަރައިގަތުމަށްޓަކައި އިންޑިއާގެ ހެޔޮއެދުންތައް ރައީސް ސޯލިހާއި ދިވެހި ރައްޔިތުންނާ އެކުގައިވާ ކަމަށެވެ.

"މަނިކުފާނުގެ މަސައްކަތްޕުޅުގައި އިންޑިއާގެ ފުރިހަމަ އެއްބާރުލުން ލިބެމުން ދާނެ،" މޯދީ ވިދާޅުވެފައިވެ އެވެ.

ރައީސް ސޯލިހް މިއަދު ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްކަން އެނގިވަޑައިގަތީ އަތޮޅުތެރެއަށް ދަތުރުކުރެއްވުމަށް ރޭގަ ވަގުތެއްގައި ޕީސީއާރް ހެއްދެވުމުން ކަމަށެވެ. ރައީސް އެ އިޝާރާތް ކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓްގެ ކެންޕެއިނަށް މިއަދު ކޮމަންޑޫ ދާއިރާއަށް ކުރެއްވުމަށް ރާއްވަވާފައި އޮތް ދަތުރުފުޅަށެވެ. މިއީ ރަައީސް ނަޝީދުވެސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައި އޮތް ދަތުރުފުޅެކެވެ.

ކޮވިޑަށް ޕޮޒިޓިވްވީ ނަމަވެސް ހާލުކޮޅު ރަނގަޅު ކަމަށާއި މިވަގުތު ހުންނެވީ ގޭގައި އެކަހެރިވެވަޑައިގެން ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވަނީ ކޮވިޑުން ދިފާއުވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރައްވާ މިދިޔަ ހަފްތާގައި ބޫސްޓާ ޑޯޒް ވެސް ޖައްސަވާފަ އެވެ.

ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން ހާމަކުރައްވާ ރައީސް ކުރެއްވި ޓްވީޓާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ދަނީ އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ހެޔޮ އެދުމުގެ މެސެޖްތައް ފޮނުއްވަމުންނެވެ.

ރާއްޖެއިން ކޮވިޑާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި އިންޑިއާ އިން ވަރަށް މުހިއްމު އެހީތަކެއް ދީފައިވެ އެވެ. އެގޮތުން ކޮވިޑް 19 އިން ރައްކާތެރިވުމަށް އެންމެ ފުރަތަމަ ރާއްޖެ އަށް ކޮވިޑް ވެކްސިން ހަދިޔާ ކުރީ ވެސް އިންޑިއާ އިންނެވެ. އޭރު އިންޑިއާ އިން ކޮވިޝީލްޑްގެ އެއްލައްކަ ޑޯޒް ހަދިޔާކުރި އެވެ.