ސޭޝެލްސް

އެއާ ސީޝެލްސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށަނީ

Jan 22, 2022
1

އެއާ ސީޝެލްސްގެ ދަތުރުތައް މި އަހަރުގެ މާޗް މަހު އަލުން ރާއްޖެއަށް ފަށަން ނިންމައިފި އެވެ.

ސީޝެލްސްގެ ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ގައުމުގެ ގައުމީ އެއާ ލައިންގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށާނީ މާޗް މަހުގެ ހަތަރުވަނަ ދުވަހު އެވެ.

ސީޝެލް އެއާލައިންގެ ދަތުރުތައް ކުރިއަށް ގެންދާނީ ދެކުނު އެފްރިކާގެ ޖޮހަނެސްބާގާއި މާލެއާ ދެމެދު އެެވެ. ދަތުރުތައް ކުރަން ރާވާފައިވާ ގޮތުގެ ޝެޑިއުލެއް އެ އެއާލައިނުން އަދި އާންމު ކޮށްފައެއް ނުވެ އެވެ.

އެއާ ސީޝެލްސް އިން ރާއްޖެ އަށާއި ދުނިޔޭގެ އެހެން ބައެއް ގައުމުތަކަށް ވެސް ކުރަމުން ދިޔަ ދަތުރުތައް ވަގުތީ ގޮތުން މެދު ކަނޑާލީ ކޮވިޑްގެ ހާލަތު މުޅި ދުނިޔޭގައި ވެސް ގޯސްވެ ގައުމުތަކުގެ ބޯޑަރުތައް ބަންދު ކުރުމުންނެވެ.

އެއާ ސީޝެލްސްގެ ދަތުރުތައް އެންމެ ފުރަތަމަ ފަށާ މަންޒިލްތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ދެކުނު އެފްރިކާގެ ޖޮހަނެސްބާގާއި، އިޒުރޭލުގެ ތެލް އަވީވް އާއި، މޮރިޝަސް އަދި އިންޑިއާގެ މުމްބާއީ ހިމެނެ އެެވެ.

ކޮވިޑާ ގުޅިގެން ދިމާވި އިގްތިސޯދީ ގެއްލުންތަކުގެ ސަބަބުން ރާއްޖެއަށް ވަގުތީގޮތުން ދަތުުރުކުރުން ހުއްޓާލި އެއާލައިންތަކުގެ ތެރެއިން ގިނަ އެއާލައިންގެ ދަތުރުތައް މިހާރު ވަނީ ރާއްޖެއަށް ދަތުރު ފަށާފަ އެވެ.