ލައިފްސްޓައިލް

ޕައިލެޓްގެ ޑިއުޓީ ގަޑި ނިމި އިތުރަށް ދުއްވަން އިންކާރުކޮށްފި

ޑިއުޓީ ގަޑީގެ އިތުރުން އެންމެ މިނެޓެއް ވެސް މަސައްކަތް ކުރުމަކީ ބައެއް މީހުން ވަރަށް ކުރަން ބޭނުން ނުވާ ކަމެކެވެ. ނަމަވެސް ބައެއް ފަހަރަށް އެމީހާ އަދާކުރާ ޑިއުޓީއެއްގެ ގޮތުން ގަޑި ހަމަވިޔަސް އެ ޑިއުޓީއެއް ފުރިހަމަ ކުރަން މަޖްބޫރުވެ އެވެ. ޚާއްސަކޮށް މީހުންގެ ރައްކާތެރިކަމާ ގުޅިފައިވާ ވަޒީފާތަކުގައި އުޅޭ މުވައްޒަފުން ޝިފްޓް ޑިއުޓީ ނިމުނަސް އެކަމެއްކޮށް ނިމެންދެން ހުރުން ލާޒިމު ވެއެވެ. ނަމަވެސް ކޮންމެ ހާލެއްގައި ވެސް ޑިއުޓީ ނިމުނީމަ މަސައްކަތް ކުރަން ބޭނުން ނުވާ މީހުން މަދުން ނަމަވެސް ފެނެ އެވެ. ޕާކިސްތާނުގެ އެއާލައިނެއްގައި ޕައިލެޓެއްގެ ގޮތުގައި މަސައްކަތްކުރާ މި މީހާ އަކީ އެފަދަ މީހެކެވެ.

މި ޕައިލެޓްގެ ޝިފްޓް ޑިއުޓީ ނިމުނުއިރު މަތިންދާބޯޓުގެ ދަތުރު ނުނިމެނެ އެވެ. ދަތުރު ނުނިމުނަސް ޕައިލެޓްގެ ޑިއުޓީ ނިމުނީ ކަމަށް ބުނެ އޭނާ އިތުރަށް ބޯޓު ދުއްވައި ދޭން ވަނީ އިންކާރު ކޮށްފަ އެވެ.

ގަލްފް ނިއުސްގައިވާ މި ޚަބަރުގައި ބުނެފައިވާ ގޮތުގައި މިދިޔަ އާދީއްތަ ދުވަހު ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިން (ޕީއައިއޭ) ގެ މި މަތިންދާބޯޓު ސައޫދީ އަރަބިޔާގެ ރިޔާޒުން ފުރައިގެން އިސްލާމް އާބާދަށް ދަތުރު ކުރަން އޮތީ ޝެޑިއުލްކޮށްފަ އެވެ. ނަމަވެސް ދަތުރުގެ ވަކި ހިސާބަކުން މޫސުމް މާ ބޮޑަށް ގޯސްވުމުގެ ސަބަބުން ސައޫދީ އަރަބިޔާގެ ދައްމާމަށް ބޯޓު އިމަޖެންސީ ލޭންޑިން އެއް ކުރަން ޖެހުނީ އެވެ.
މޫސުން ރަނގަޅުވެ އަލުން ބޯޓު ފުރަން ތައްޔާރު ވުމުން ޕައިލެޓް ބޯޓު ދުއްވައި ދޭން އެއްބަހެއް ނުވި އެވެ. އޭނާގެ ޑިއުޓީ ގަޑި ނިމިފައިވާ ކަމަށް ބުނެފަ އެވެ.

ބޯޓުން ދަތުރުކުރި ފަސިންޖަރުންނަށް މި ވާހަކަ އިވުމުން އައި ރުޅިން މައްސަލަ ޖައްސަން ފެށުމުން އެއާލައިންގެ އޮފިޝަލުންނަށް އެންމެ ފަހުން ޖެހުނީ އެ އެންމެން ހޮޓާ ތަކަށް ގެންގޮސް ބައިތިއްބާށެވެ.

ޕީއައިއޭގެ ސްޕޯކްސްޕާސަން ވިދާޅުވި ގޮތުގައި އެއާކްރާފްޓްގެ ރައްކާތެރިކަމަށްޓަކައި އެ ދުއްވާ ޕައިލެޓުންނަށް އެކަށީގެންވާ ވަރަށް އަރާމު ކުރާނެ ވަގުތު ލިބެން ޖެހެ އެވެ. ބޯޓުގެ ދަތުރު މެދުކަނޑާލާފައި އެންމެންނަށް ހޮޓާތަކަށް ގޮސް އަރާމު ކުރެވޭނެ ގޮތް ހެދީ އެހެންވެ އެވެ.
ހަމަ އެ ދުވަހުގެ ފަހުގެ ވަގުތެއްގައި ބޯޓު ވަނީ ހުރިހާ ފަސިންޖަރުންނާއެކު އިސްލާމްއާބާދަށް ދަތުރު ކޮށްފަ އެވެ.