ހަބަރު

އެންސްޕާ އާއި އާސަންދަގެ މުވައްޒަފުން ތަފާސްހިސާބަށް ހޭލުންތެރިކޮށްފި

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން (އެންސްޕާ) އަދި އާސަންދަ ކޮމްޕެނީގެ މުވައްޒަފުން ތަފާސްހިސާބުތަކަށް ހޭލުންތެރިކުރުމުގެ ގޮތުން، ސްޓެޓިސްޓިކަލް ޕެކޭޖް ފޯ ސޯޝަލް ސައިންސަސްގެ ބޭސިކް އަދި އެޑްވާންސް ޓްރޭނިން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.

ޔުނިސެފްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ އެންސްޕާ އާއި އާސަންދަ އިން ތަފާސްހިސާބު އެއްކޮށް ތައްޔާރުކުރުމާއި، އެ މައުލޫމާތު ދިރާސާކޮށް ކަމާބެހޭ ފަރާތްތަކަށް މައުލޫމާތު ހިއްސާކުރުމަށް އެ ދެ މުއައްސާގެ މުވައްޒަފުން ތަމްރީންކޮށް އަހުލުވެރި ކުރުވުމެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އޮކްޓޯބަރު މަހުން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. 

އެސްޕީއެސްއެސް ބޭސިކް ޓްރޭނިން ޕްރޮގްރާމްގެ ދަށުން 29 މުވައްޒަފުން އަދި އެ ކޯހުގެ އެޑްވާންސް ޓްރޭނިން 11 މުވައްޒަފަކު ވަނީ ފުރިހަމަކޮށްފަ އެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ޔުނިސެފްގެ ކަންޓްރީ ރިޕްރެޒެންޓިވް އެލިސް އަކުންގާ ވަނީ އިޖްތިމާއީ ރައްކާތެރިކަމުގެ ދާއިރާމެދު އުނިސެފުން ކުރަމުންދާ މަސައްކަތްތަކާއި ކުރިއަށް ރޭވިފައިވާ ބައެއް މަސައްކަތްތަކަށް އަލިއަޅުއްވާލައި ވާހަކަ ދައްކަވާފަ އެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް އިޖްތިމާއީ ރައްކާތެރިކަމުގެ މުހިންމުކަން އަކުންގާ ވަނީ ފާހަގަކުރައްވާފަ އެވެ.