ރައްޔިތުންގެ މަޖިލިސް

ރިޔާސީ ބަޔާން އިއްވުން އަންނަ މަހުގެ ތިންވަނަ ދުވަހު

Jan 23, 2022
1

ރައްޔިތުން މަޖިލިސް އާ އަހަރަށް ހުޅުވައި މަޖިލީހުގެ ޖަލްސާތައް ފެށުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުން އަންނަ މަހު ތިންވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ބޭއްވުމަށް ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު ބުނީ ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާ ފަށާނީ ފެބްރުއަރީ ތިންވަނަ ދުވަހުގެ ހެނދުނު 9:00 ޖަހާއިރު ކަމަށެވެ.

މަޖިލިސް ހުޅުވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވުން ފިޔަވާ އިތުރު ކަމެއް ނޯންނާނެ އެވެ. ރިޔާސީ ބަޔާނަށް މަޖިލީހުގެ މައިނޯރިޓީ ޕާޓީން ޖަވާބު ދިނުން ވެސް އޮންނާނެ އެވެ.

ރިޔާސީ ބަޔާނަކީ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ.

ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބުނެފައިވަނީ ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.

ރިޔާސީ ބަޔާން އަންނަ މަހުގެ ތިންވަނަ ދުވަހު އިއްވާއިރު އަންނަ މަހުގެ ފަސްވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އޮންނާނެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަހަރު އިއްވަވާ ރިޔާސީ ބަޔާނަކީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އިއްވަވާ ހަތަރުވަނަ ރިޔާސީ ބަޔާނެވެ.