ރައީސް މުހައްމަދު ނަޝީދު

މަހަށް ހަމަ އަގު ހޯދަން އަބަދުވެސް ވަކާލާތު ކުރާނެ: ނަޝީދު

Jan 24, 2022
2

މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދާ ދިނުމަށް އެމްޑީޕީން އަބަދުވެސް އަޑުއުފުލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓްގެ ކެންޕެއިނަށް ކޮމަންޑޫ ދާއިރާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫގައި ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ނަަޝީދު ވިދާޅުވީ އެމްޑީޕީ ޕާޓީއެއްގެ ގޮތުގައި ވުޖޫދުވެ މަސައްކަތް ފެށީ ވަރަށް ބޮޑު މަސައްކަތެއް ކުރުމުގެ ހެޔޮ ނިޔަތް އޮވެގެން ކަމަށެވެ. އެއީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބަދަލުކޮށް ހުރިހާ ގޮތަކުންވެސް ފަހި ދިރިއުޅުމެއް ހޯދާ ދިނުމަށް ކަމަށެވެ. އެ ގޮތުން ހުގެ އަގު އުފުލުން އެއީ އެމްޑީޕީން އެންމެ ބޮޑަށް މަސައްކަތް ކުރާ އެއް ސިޔާސަތު ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މަސްވެެރިންނަށް ލިބެނީ ހައްގު މިންވަރު ނޫން ކަމަށާ އެ ވާހަކަ ދެއްކުމުގައި އެމްޑީޕީ އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ.

"ކޮމަންޑޫ ރައްޔިތުން އެންމެ ބޮޑަށް ހަނދާންވާނެ، ދެރުފިޔާ ބަޔަށް މަސްކިލޯއެއް އެސްޓީއޯ ނޫން ބަޔަކަށް ވިއްކުން މަނާ. ދިވެހިރާއްޖޭގެ މަސްވެރިންނަށް ލިބެމުން އައި ކުޑަކުޑަ މިންވަރު. އެއީ މަސްވެރިންނަށް ހައްގު މިންވަރު ނޫންކަން މަސްވެރިންނަށް ވަރަށް ރަނގަޅަށް ސާފު ވެގެން ދޭ. މަސްކިލޯއެއްގެ އަގު ދުނިޔޭގެ މާރުކޭޓްގައި އޭރުވެސް މިހާރުވެސް ހުރި މިންވަރާއި ރާއްޖޭގެ މަސްވެރިންނަށް އޭގެން ލިބޭ ކުޑަކުޑަ މިންވަރަކީ މާކުރިއްސުރެ ކޮމަންޑޫ ރައްޔިތުންނަށް ފާހަގަ ކުރެވިފައި އޮންނާނެ ކަމެއް. މަހުގެ އަގު އުފުލުން އެއީ އެމްޑީޕީން އެންމެ ބޮޑަށް މަސައްކަތް ކުރާ އެއް ސިޔާސަތު،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މަސްވެރިންނަށް ލިބޭ އަގު އިތުރަށް އުފުލެން އޮތީ ރަށްރަށުގައި މަސް ބަންދު ކުރަން ފެށިގެން ކަމަށާ ގޭދޮށު މަސްފެކްޓްރީ ވައުދަކީ އެ އުންމީދު ހާސިލުކޮށް ދިނުމުގައި އުންމީދުގައިވެފައިވާ ވައުދެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ބާނާ މަސްކޮޅު ރޮލާ ވިއްކާލައިގެން ދެކޮޅު ޖެއްސެން ނެތް ކަަމަށް ތަކުރާރު ކުރައްވާ ވިދާޅުވިއެވެ.

އަދި ވިދާޅުވީ ރަށްރަށުގައި މަސް ބަންދު ކުރަން ފެށުމަށް ބޭނުންވަނީ ޔޫރަޕް ފެންވަރުގެ ބަދިގެތަކެއް ރަށްރަށުގައި ގާއިމުވުން ކަމަށެވެ. އެ ފެންވަރުގެ 200 ބަދިގެ މިހާރުވެސް ރިސޯޓްތަކުގައި އެބަހުރި ކަމަށް ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ އެފަދަ ބަދިގެތަކާއެކު މަސް ބަންދުކުރުން ރަށްރަށަށް ފުރޮޅާލަން ޖެހޭ ކަމަށެވެ.

އެއީ މިހާތަނަށް ނުފުއްދި އޮތް ވައުދެއް ނަމަވެސް އެ ވައުދު ފުއްދެވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި އެމްޑީޕީ ދެމި އޮންނާނެ ކަމަށް ވިދާޅުވިއެވެ.