ކާށިދޫ

ދަނޑުވެރި ކަމަށް ކާށިދޫން ކުރު މުއްދަތުގެ ބިން ދެނީ

Jan 24, 2022

ކ. ކާށިދޫގައި ސަރުކާރުން ޖަލެއް އަޅަން ނިންމި ސަރަހައްދުގައި ދަނޑުވެރިކަން ކުރަން ކުރު މުއްދަތަށް ބިން ދޫކުރަން ނިންމައިފި އެވެ.

ބިން ބޭނުންވާ ފަރާތްތަކުން ކަމާ ގުޅޭ ފޯމް ފުރިހަމަ ކުރުމަށް ފަހު މިމަހުގެ 27 ވަނަ ދުވަހު ކާށިދޫ ކައުންސިލަށް ފޯމް ހުށަހެޅުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

ކާށިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު ވިދާޅުވީ ސަރުކާރުން ކާށިދޫގައި އަޅަން ނިންމި ޖަލު މިހާރު އެރަށުގައި ނާޅަން ސަރުކާރުން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެކު ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވި ކަމަށެވެ. ޖަލު އަޅަން ކާށިދޫ އަށް ކުރިން ގެންދިޔަ ތަކެތި ވެސް ސަރުކާރުން މިހާރު އެރަށުން އަނބުރާ ގެންދާ ކަމަށް ވިދާޅުވި އެވެ.

އާމިރު ވިދާޅުވީ ޖަލު އަޅަން ނިންމި އެ ރަށުގެ ދެކުނު ފަރާތު ސަރަހައްދަކީ ކައުންސިލުން އެކުލަވާލާފައިވާ ކާށިދޫގެ ލޭންޑް ޔޫޒް ޕްލޭންގައި ފަތުރުވެރިކަން ތަރައްގީކުރަން ކަނޑައަޅާފައިވާ ސަރަހައްދު ކަމަށެވެ. އެހެންވެ ފަތުރުވެރިކަމުގެ މަސައްކަތްތައް ފިޔަވާ އެހެން މަސައްކަތްތަކަށް އެ ސަރަހައްދުން ބިން ދޫކުރެވޭނީ ކުރު މުއްދަތަކަށް ކަމަށެވެ.

ކާށިދޫ ކައުންސިލުން ނިންމާފައިވަނީ 10،000 އަކަފޫޓުގެ ބިމަކުން 50 އަކަށް ބިން އެއް އަހަރު ދުވަހުގެ މުއްދަތަކަށް ދޫކުރުމަށެވެ. އާމިރު ވިދާޅުވި ގޮތުގައި ބިންތަކަށް ކުއްޔެއް ނުނަގާނެ އެވެ. ނަމަވެސް ދަނޑުތައް ބެލެހެއްޓުމަށް ކައުންސިލުން ވެސް ހަރަދުތަކެއް ކުރާނެތީވެ ކޮންމެ ބިމަކުން އިދާރީ ފީއެއްގެ ގޮތުގައި 100 ރުފިޔާ ވަރު ނަގަން ނިންމާފައިވާ ކަމަށެވެ.

އާމިރު ވިދާޅުވީ ކާށިދޫގައި އެންމެ ގިނަ ބަޔަކު ދިރިއުޅުމަށް ކުރާ މަސައްކަތަކީ ދަނޑުވެރިކަމުގެ މަސައްކަތް ކަމަށްވެފައި ރަށުގައި ބިން ބޭނުންވާ ބަޔަކު މިއަދުވެސް ތިބުމާ ގުޅިގެން ކުރު މުއްދަތަކަށް ދޫކުރާ ބިންތައް ރަށުން ބޭރު މީހުންނަށް ދޫކުރަން ވިސްނާފައި ނުވާ ކަމަށެވެ.

"ހަގީގަތަކީ ކާށިދޫ ރައްޔިތުންނަކީ ދަނޑު ހައްދައިގެން އާމްދަނީ ހޯދާ ބައެއްކަން. އެ މީހުންނަކީ ދަނޑު ހެއްދުމަށް ގަސް ހެއްދުމަށް ހާއްސަ ޝައުގަކާއި ލޯތްބެއް ހުރި ބައެއް. އެހެންވީމާ ރަށު މީހުންނަށް އިސްކަން ދޭނީ،" އާމިރު ވިދާޅުވި އެވެ.

ދަނޑު ހެއްދުމަށް ކުރު މުއްދަތަކަށް ދޫކުރާ ބިންތައް ދޫކުރަނީ ކުރިއަށް އޮތް ރޯދަ މަހަށް ދަނޑު ހައްދައިގެން އާމްދަނީ ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތެއް ހޯދައިދިނުމުގެ ގޮތުން ކަމަށްވެސް އާމިރު ވިދާޅުވި އެވެ. ބިންތަކުގެ އެއްބަސްވުންތައް ހަދާނީ ކައުންސިލުން ބޭނުންވެއްޖެނަމަ އެ ބިންތައް ކައުންސިލަށް ފަސޭހައިން ނެގޭ ގޮތަށް ކަމަށްވެސް ވިދާޅުވި އެވެ.

އާމިރު އިތުރަށް ވިދާޅުވީ ކޮވިޑްގެ އެންމެ އުނދަގޫ ދުވަސްވަރު ވެސް އަދި މިހާރު ވެސް ކާށިދޫގައި ދަނޑުވެރިކަން އެހާ ގޯސް ނޫން ކަމަށެވެ. މާލޭގެ ބާޒާރަށް އެއް ރަށަކުން އެންމެ ގިނައިން ދަނޑުވެރިކަމުގެ އުފެއްދުންތައް ގެންދާނީ ކާށިދޫން ކަމަށްވެސް ވިދާޅުވި އެވެ.