ހަބަރު

ނަޝީދު ހައްޔަރުކުރިތާ އެއް އަހަރު ފުރޭތީ އެމްޑީޕީއިން މުޒާހަރާއަކަށް

  • އެއީ ބޮޑު މުޒާހަރާއެއް ކަމަށް ބުނި
  • މުޒާހަރާ އޮންނާނީ ފެބުރުއަރީ 22ގައި
  • އެ ދުވަހު ނަޝީދު މިނިވަން ކުރާނެ ކަމަށް ބުނި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކުރިތާ އެއް އަހަރު ފާހަގަކުރުމަށް އެމްޑީޕީއިން ބޮޑު މުޒާހަރާއަކަށް ނިކުންނާނެކަން އެ ޕާޓީން އިއުލާންކޮށްފި އެވެ.

ރޭ ރ. އަލިފުށީގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ، އެމްޑީޕީއިން ކުރަމުންގެންދާ މަސައްކަތްތަކަށް ރައީސް ނަޝީދު ފަހުރުވެރިވެ ވަޑައިގަންނަވާ ކަމަށާއި އެމަނިކުފާނު ހައްޔަރުކުރިތާ އެއް އަހަރުވާ ދުވަހު، އެމްޑީޕީއިން ބޮޑު މުޒާހަރާއެއް ބާއްވާނެ ކަމަށެވެ. ނަޝީދު ހައްޔަރު ކުރިތާ އެއް އަހަރު ވަނީ ފެބުރުއަރީ 22 ގަ އެވެ.

"ވަރަށް އަވަހަށް އަޅުގަނޑުމެން، އެމްޑީޕީއިން ބޮޑު މުޒާހަރާއަށް ތައްޔާރުވާނެ. މުޒާހަރާއަށް ތިބެންވާނީ ތައްޔާރަށް. އެ ދުވަހު މުޒާހަރާ ނިންމާލާނީ ނަޝީދު މިނިވަން ކޮށްފައި،" ޝިފާޒު ވިދާޅުވި އެެވެ.

މިދިޔަ މަހުގެ 27، 28 އަދި 29 ގައި ވެސް "މިންޖުވާން" ނަމުގައި އެމްޑީޕީއިން ބޮޑު މުޒާހަރާއެއް ބާއްވާފައިވީ ނަމަވެސް އެ މުޒާހަރާއަށް އެކަށީގެންވާ ތަރުހީބެއް ނުލިބެ އެވެ. އަދި އެ މުޒާހަރާއިން އެއްވެސް ނަތީޖާއެއް ވެސް ހާސިލުވެފައެއް ނުވެ އެވެ.

ރޭގެ ޖަލްސާގައި ޝިފާޒު ވަނީ ރައީސް ޔާމީންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ޝިފާޒު ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ރައްޔިތުންނަށް ވެވަޑައިގެންނެވި އެއްވެސް ވައުދެއް ފުއްދަވަމުން ނުގެންދަވާ ކަމަށެވެ. އެއާ ހިލާފަށް ރައީސް ނަޝީދު، ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެ ކަމަށް ވެސް ޝިފާޒު ވިދާޅުވި އެވެ.

ޝިފާޒު ވިދާޅުވީ އީޔޫގެ ގަރާރަށް ބޯނުލަނބާ ކަމަށްވާނަމަ އޭގެ ދެރަ ލިބޭނީ ރައްޔިތުންނަށް ކަމަށެވެ. މިކަމާމެދު ރައްޔިތުންގެ މަޖިލީހުން ވިސްނަންޖެހޭ ކަމަށް ޝިފާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ގާނޫނު އަސާސީގެ ބާރު ހޯދައި، ރައީސް ޔާމީންގެ ވައުދުތަކަށް ހުރަސް އަޅަންޖެހޭ ކަމަށެވެ.

ރައީސް ނަޝީދު ހައްޔަރުކުރިތާ އެއް އަހަރު ފުރުން ފާހަގަކުރުމަށް އެމްޑީޕީއިން ބޮޑު މުޒާހަރާއަކަށް ދިއުމަށް ނިންމާފައިވާއިރު ރައީސް ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތަށް އެމަނިކުފާނު ހައްޔަރުކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އެެވެ.