ރާއްޖެއިން ބޭރުގައި ހަނގުރާމަވެރި ދެ ސަރަހައްދަކަށް އުފަންވި ދެ ކުދިންނަކީ ދިވެހި މަންމައެއްގެ ދެ ކުދިން ކަމަށް ކަނޑައަޅައި ފެމިލީ ކޯޓުން ހުކުމްކޮށްފި އެވެ.
ފެމިލީ ކޯޓުން އިއްޔެ ކޮށްފައިވާ ތާރީހީ މި ހުކުމަކީ މިފަދަ މައްސަލައެއް ނިންމާ ކޯޓުން ކުރި ފުރަތަމަ ހުކުމެވެ.
ރާއްޖެއިން ބޭރުގައި ހަނގުރާމަވެރި ސަރަހައްދުތަކުގައި ދިވެހިންނަށް އުފަންވާ ކުދިން ރާއްޖޭގައި ރެޖިސްޓްރީކޮށްދޭނީ ކޯޓުން ކަނޑައެޅުމުން ކަމަށް ކަނޑައަޅައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ރޭގެ ވަގުތެއްގައި ވަނީ ހާއްސަ އުސޫލެއް ވެސް އެކުލަވާލާ ގެޒެޓްކޮށްފަ އެވެ.
ސީރިއާގެ ހަނގުރާމަވެރި ސަރަހައްދެއްގައި ވިހޭ ދެ ކުދިންނަކީ އޭނާގެ ކުދިންކަން ސާބިތުކުރަން ފެމިލީ ކޯޓަށް މައްސަލަ ހުށަހެޅީ އެ ކުދިންގެ މަންމަ އެވެ.
ޓެރަރިޒަމްގެ ގާނޫނުގައިވާ ގޮތުން ރާއްޖެ އިން ބޭރުގެ ހަނގުރާމަވެރި ސަރަހައްދުތަކުގައި ދިވެހިންނަށް އުފަންވާ ދަރިންނަކީ އެ މީހުންގެ ދަރިންކަން ސާބިތުކުރަން ބޭނުންވާނަމަ އެ މައްސަލަަ ފެމިލީ ކޯޓަށް ހުށަހަޅަން ޖެހެ އެވެ.
ގާނޫނުގެ ދަށުން އަންހެން މީހާ ކޯޓަށް ހުށަހެޅި މައްސަލަ ސާބިތުކުރީ އަންހެން މީހާ އާއި އަދި ދެ ކުދިންގެ ވެސް ޑީއެންއޭ ހެދުމަށްފަހު ދިވެހި ފުލުހުން އެކުލަވާލި މެޓާނިޓީ ޑީއެންއޭ ތަހުލީލު ރިޕޯޓާއި އެ ރިޕޯޓް ތައްޔާރުކުރި މީހާގެ ހެކި ބަހުގެ އިތުރުން އެހެން ބައެއް ހެކިތަކަށް ވެސް ކޯޓުން ރިއާޔަތް ކުރުމަށްފަހު އެވެ.
ފެމިލީ ކޯޓަށް މައްސަލަ ހުށަހެޅި އަންހެން މީހާއާއި އޭނާގެ ދެ ދަރިންގެ މައުލޫމާތު ކޯޓުން ހާމަކޮށްފައެއް ނުވެ އެވެ.