ސީރިޔާ ސަރުކާރާއެކު ސުލްހައިގެ ވާހަކަތައް ފަށަން އިދިކޮޅު ފަރާތްތަކަށް ގޮވާލައި ގަރާރެއް އދ. ގެ ސަލާމަތީ މަޖިލީހުން އިން ފާސްކޮށްފި އެވެ.
ސީރިއާގެ ހަނގުރާމައިގައި މިހާތަނަށް 250،000 މީހުން މަރުވެފައިވާ ކަމަށް އދ. އިން ބުނާއިރު އަލަށް ފާސް ކުރި ގަރާރުގައި ސުލްހައިގެ ވާހަކަތައް ފެށުމުގެ އިތުރަށް ބަދަލުކުރަމުންދާ ހަމަލާތައް ހުއްޓާލުމަށްވެސް ގޮވާލާފައިވެއެވެ.
މި ގަރާރު ފާސް ކުރި އިރު ސަލާމަތީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓީ އެމެރިކާގެ ސްޓޭޓް އޮފް ސެކެޓްރީ ޖޯން ކެރީއެވެ. ކެރީ ވިދާޅުވީ މިގަރާރަކީ ސީރިއާގައި މިހާރު ހިންގަމުން ގެންދާ ޖަރީމާތައް ހުއްޓާލަންވީ ވަގުތު ޖެހިއްޖެކަން އަންގައިދޭ މެސެޖެއް ކަމަށެވެ.
ކެރީ ވިދާޅުވީ ސީރިޔާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް ދައްކަމުންދާއިރު ރައީސް ބައްޝާރުލް އަސަދުގެ ކުރިމަގާއިމެދު ސުވަލު އުފެދޭ ކަމަށެވެ.
ސަލާމަތީ މަޖިލީހުގެ ގަރާރުގައި އަސަދުގެ ކުރިމަގާބެހޭ ވާހަކައެއް ހިމަނައިފައެއް ނުވެއެވެ. އެމެރިކާ، އިނގިރޭސި ވިލާތް ފަދަ ހުޅަނގުގެ ގައުމޔުތަކުން ބައްޝާރު މަގާމުން ދުރުކުރުމަށް ގޮވާލަމުންދާއިރު ރަޝިޔާ އިން ބުނަމުން ދަނީ މަޝްވަރާތަކުގެ ޝަރުތެއްގެ ގޮތުގައި އަސަދު މަގާމުން ދުރުކުރުން ހިމަނައިގެން ނުވާނެ ކަމަށެވެ.
ފްރާންސްގެ ޚާރިޖީ ވަޒީރު ލޯރެން ފަބިއަސް މި ގަރާރަށް ތާއީދު ކުރެއްވި ނަމަވެސް ސީރިއާގެ އިންތިޚާބެއްގައި އަސަދު ބައިވެރިވެ ވަޑައިގަންނަވަން ވަނީ ދެކޮޅު ހައްދަވައިފައެވެ.
ސީރިޔާގެ ދާހިލީ ހަނގުރާމައަށް ފަސް ވަނަ އަހަރު ފެށިފައިވާއިރު މިހާރު އެގައުމަށް އަތްގަދަކޮށްފައި ވަނީ ހައްދު ފަހަނަ އަޅާފައިވާ އައިއެސް އެވެ.