އިސްލާމިކް ސްޓޭޓް

ރާއްޖެ ހިމެނޭ ލަޝްކަރަށް އައިއެސް ފާޑުކިޔައި ހަނގުރާމަ އިއުލާންކޮށްފި

ސައުދީ އަރަބިއްޔާ އިސްވެ އޮވެ އެކުލަވާލި އިސްލާމީ ލަޝްކަރަށް ހައްދުފަހަނަ އަޅާފައިވާ އައިއެސް ޖަމާއަތުން ވަރަށް ބޮޑަށް ފާޑުކިޔައި ސައުދީއާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފި އެވެ.

އައިއެސްއިން ސައުދީއާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައިވާ ސަބަބެއް ކަމަށް ބުނެފައިވަނީ އެ ގައުމަކީ "ފިލައި" އޮވެ މުސްލިމުނާ ދެކޮޅު ހަމަލާދޭ ގައުމެއް ކަމަށް ބުނެެ އެޗެ. މިކަން އައިއެސްއިން އިއުލާންކޮށްފައިވަނީ އެ ޖަމާއަތުން ނެރުނު ވީޑިއޯ މެސެޖެއްގައެވެ.

އަރަބި ބަސް ބޭނުންކޮށްގެން އައިއެސްއިން އާންމުކުރި ވީޑިއޯގައި ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ރާއްޖެ އާއެކު 34 އިސްލާމީ ގައުމެއް އެކުވެގެން އަސްކަރީ ލަޝްކަރެއް އެކުލަވާލުމަށް އެއްބަސްވެ އެކަން ސައުދީން އިއުލާންކޮށްފައިވުމުން ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ.

ސައުދީއިން ކޮމާންޑަރެއްގެ ރޯލް ކުޅޭ މި ލަޝްކަރާ ގުޅޭ ގޮތުން ގުޅިފައިވާ ގައުމުތަކުން ނެރުނު ބަޔާނެއްގައި ބުނީ، މި ފައުޖުގެ މައިގަނޑު ބޭނުމަކީ ޓެރަރިޒަމާ ދެކޮޅަށް ގުޅިގެން ހަނގުރާމަ ކުރުން ކަމަށެވެ. އަދި ލަޝްކަރުގެ ކޮމާންޑް ސެންޓަރު ހުންނާނީ ސައުދީ އަރަބިއްޔާގެ ވެރިވަށް ރިޔާޒްގަ އެވެ.

މި ލަޝްކަރަށް ފާޑުކިޔަމުން، އައިއެސްއިން ވަނީ ސައުދީއަށް ހަމަލާދޭނެ ކަމުގެ އިންޒާރު ވެސް ދީފައެވެ. އަދި ލަޝްކަރުގައި ބައިވެރިވާ ބަހުރެއިންނަށް ހަމަލާދޭނެ ކަމުގެ އިންޒާރުވެސް އައިއެސް ޖަމާއަތުން ވަނީ ދީފައެވެ.

އައިއެސްއިން އިންޒާރުގެ ވީޑިއޯގެ އިތުރުން މީގެކުރިން ސައުދީގެ ރައްޔިތުންނަށް އައިއެސްއިން ދީފައިވާ ހަމަލާތަކެއްގެ ވީޑިއޯ ވެސް އާންމުކޮށްފައިވެއެވެ.

އައިއެސްގެ ވަރުގަދަ އިންޒާރުތަކެއް ސައުދީއަށާއި އިސްލާމީ ލަޝްކަރަށް ދީފައިވާއިރު، ސައުދީ އަރަބިއްޔާ އިސްވެ އޮވެ، އެކުލަވާލި އިސްލާމީ ލަޝްކަރުގައި ދިވެހި ސިފައިން އަމަލީ ގޮތުން ބައިވެރިވާނެ ކަމަށް ރާއްޖޭގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ. އެ ލަޝްކަރުގައި ރާއްޖެއިން ބައިވެރިވި ސަބަބާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ، އެ ލަޝްކަރުގައި ރާއްޖެ އިން ބައިވެރިވުމުން ދޭހަކޮށްދެނީ އިސްލާމީ ގައުމުތަކާ އެކު ރާއްޖެއިން ބާއްވާ ބަދަހި ގުޅުން ކަމަށެވެ. އަދި އިސްލާމީ އަރަބި ގައުމުތަކުން ރާއްޖެއިން ކުރާ ފުރިހަމަ އިތުބާރު ހާމަވާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.