ށ. ފުނަދޫ

ފުނަދޫ ޒުވާނުންގެ މަރުކަޒު ސަރުކާރަށް ނަގައިފި

ށ. ފުނަދޫ ކައުންސިލާ ހަވާލުކޮށްގެން ހިންގަމުން ގެންދިޔަ އިޖުތިމާއީ މަރުކަޒު، ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ސަރުކާރުން އެގޮތަށް ނިންމާ ފުނަދޫ ކައުންސިލަށް އެކަން އަންގާފައިވަނީ އިއްޔެ ރަސްމީ ގަޑި ނިމުނު ފަހުން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ސޮއިކުރައްވާ ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހީމްފުޅަށް އެޑްރެސް ކުރައްވާ ފޮނުއްވާފައިވާ ސިޓީއެއްގަ އެވެ.

ޔޫތު މިނިސްޓަރުގެ ސިޓީގައި ވިދާޅުވެފައިވަނީ ފުނަދޫ ކައުންސިލާ ހަވާލުކޮށްގެން ހިންގަމުން ގެންދިޔަ ޒުވާނުންގެ މަރުކަޒާ ގުޅިގެން ވަރަށް ގިނަ ޝަކުވާތައް މިނސްޓްރީއަށް ލިބެމުންދާ ކަމަށެވެ.

މީގެއިތުރުން ޔޫތު މިނިސްޓްރީގެ ހުއްދަ ނެތި އެތަނުގެ އިންފްރާސްޓްރަކްޗާ އަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް މިނިސްޓަރު މިދިޔަ އަންގާރަ ދުވަހު ފުނަދޫ އަށް ކުރެއްވި ދަތުރުފުޅުގައި ފާހަގަވެސް ކުރެއްވިފައިވާ ކަމަށެވެ. މިނިސްޓަރުގެ ސިޓީގައިވާ ގޮތުން ޒުވާނުންގެ މަރުކަޒު ހިންގުން ހަވާލުކުރުމަށް ފުނަދޫ ކައުންސިލާއި ޔޫތު މިނިސްޓްރީއާ ދެމެދު ސޮއިކޮށްފައިވާ އެމްއޯޔޫއާ ވެސް ފުނަދޫ ކައުންސިލުން ވަނީ ހިލާފުވެފަ އެވެ.

"ވުމާއެކު، ކުރިއަށް އޮތް ތަނުގައި ޒުވާނުންގެ މަރުކަޒުގެ އެންމެހާ ކަމެއް ހިންގަމުން ގެންދާނީ މި މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. އަދި އިޖުތިމާއީ މަރުކަޒު ހިންގުމުގައި އިތުރަށް ކައުންސިލްގެ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރަމެވެ." މިނިސްޓަރު މަހްލޫފްގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ޔޫތު މިނިސްޓްރީގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހީމްފުޅު އަވަސް އަށް ވިދާޅުވީ ލާމަރުކަޒީ ގާނޫނާއި ދެ ފަރާތުން މިދިޔަ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ސޮއިކޮށްފައިވާ އެމްއޯޔޫގައިވާ ގޮތުން މިނިސްޓްރީން ބޭނުން ވިޔަސް ފުނަދޫގައި ހުރި ޒުވާނުންގެ މަރުކަޒު، ކައުންސިލުން ވަކިކޮށް މިނިސްޓްރީގެ ތަނަކަށް ނުހެދޭނެ ކަމަށެވެ.

"އެއީ ޔޫތު މިނިސްޓްރީގެ އިމާރާތެއް ނޫން. އަނެއްކާ ލާމަރުކަޒީ ގާނޫނު ބުނާ ގޮތުންވެސް އިޖުތިމާއީ މަރުކަޒު ތަކަކީ ކައުންސިލްތަކުގެ އިހްތިސާސް ހިނގާ އަދި ކައުންސިލްތަކުން ހިންގާ ތަންތަން. މިނިސްޓްރީން އެ ބޭނުންވާ ގޮތަށް އަޅުގަނޑުމެން އެތަން ދޫކޮށްލައިގެން ނުތިބޭނެ. ފުނަދޫ ޒުވާނުންނަށްޓަކައި އަޅުގަނޑުމެން އެމަސައްކަތުގައި ދެމިތިބޭނަން،" އޭނާ ވިދާޅުވި އެވެ.

އަހްމަދު ވިދާޅުވީ ތަނުގެ އިންފްރާސްޓްރަކްޗާ އަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ބުނެ ބޮޑު ތުހުމަތެއް އެޅުވިއިރު އެ ތަނަކީ އެ ކައުންސިލުން ހަވާލުވުމުގެ ކުރިން ޔޫތު މިނިސްޓްރީން މިދިޔަ ދެ އަހަރެއްހާ ދުވަހު އެތަނަށް ސިޔާސީ ބޭފުޅަކު އައްޔަންކޮށްގެން ވީރާނާކޮށްލާފައި ހުރި ތަނެއް ކަމަށެވެ. ފުނަދޫ ކައުންސިލުން އެ މަރުކަޒާ ހަވާލުވެ މުޅި ތަން ރީތިކުރުމާއި ހަލާކުވެފައި ހުރި ތަކެތި މަރާމާތުކޮށް ރަނގަޅުކޮށްފައިވާނެ ކަމަށެވެ. އަދި އެތަނުގައި ދަނބަރަށްވެ ވީރާނާވެފައި ހުރި ފެންސެއް ނަގައި ޒުވާނުންނަށް ހޭންޑްބޯލް ކުޅެވޭ ގޮތް ހަދައިދިނީ ކައުންސިލުން ކަމަށްވެސް ވިދާޅުވި އެވެ.

"ހަގީގަތުގައި އަޅުގަނޑުމެން އެތަނާ ހަވާލުވެ އެތަނަށް ގެނައި ހެޔޮ ރަނގަޅު ބަދަލުތަކާއި ގުޅިގެން އެކަން ބަލައިގަތުމަށް އުދަނގޫވެގެން އުޅޭހެން އަޅުގަނޑަށް ހީވަނީ،" އަހްމަދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ކައުންސިލްގެ ގާނޫނީ ޓީމާ މަޝްވަރާކުރެއްވުށްފަހު މިނިސްޓަރު މަހްލޫފްގެ ސިޓީ އަށް ޖަވާބު ދެއްވާނެ ކަމަށެވެ. އަދި ފުނަދޫ ކައުންސިލާއި ޒުވާނުންގެ ހައްގުގައި މައްސަލަ ކޯޓަށް ހުށަހަޅަންޖެހިއްޖެނަމަ އެކަން ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ޔޫތު މިނިސްޓަރު އެރަށަށް ވަޑައިގެންނެވިއިރު ކައުންސިލަށް އެއްވެސް ގޮތަކަށް އަންގާފައި ނުވާ ކަމަށާއި އެންގެވިނަމަ ކައުންސިލުން މިނިސްޓަރަށް މަރުހަބާ ދަންނަވާނެ ކަމަށެވެ.

ފުނަދޫ ކައުންސިލްގައި ހިމެނޭ ހަތަރު ކައުންސިލަރުންނަކީ އިދިކޮޅު ޕީޕީއެމްގެ ކައުންސިލަރުންނެވެ. ދެން ހުންނެވީ އަމިއްލަ ގޮތުން އިންތިހާބުވި ކައުންސިލަރެކެވެ.