ފޮރިން މިނިސްޓްރީ

ސައުދީގައި ވޯލްޑް އެކްސްޕޯ ބާއްވަން ރާއްޖެ ތާއީދު

Jan 27, 2022

ވޯލްޑް އެކްސްޕޯ 2030 ވަނަ އަހަރު ސައުދީއަރަބިއްޔާގައި ބާއްވަން ރާއްޖެއިން ތާއީދު ކުރާނެ ކަމަށް ހާމަކޮށްފި އެވެ.

ވޯލްޑް އެކްސްޕޯ އަކީ ފަތުރުވެރިކަމުގެ ދާއިރާ އިން ބާއްވާ ބައިނަލްއަގްވާމީ އެކްސްޕޯ ތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބައިވެރިވާ އަދި އެންމެ ގިނަ ބަޔަކު ޒިޔާރާތް ކުރާ އެކްސްޕޯ އެވެ.

ވޯލްޑް އެކްސްޕޯ، ސައުދީގައި ބާއްވަން ރާއްޖެއިން ތާއީދުކުރާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހާމަކުރެއްވީ ރޭ ސައުދި އަރަބިއްޔާގެ ހާރިޖީ ވަޒީރު އަމީރު ފައިސަލް ބިން ފަރްހާން އާލް ސައޫދަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރާއްޖގެ ފޮރިން މިނިސްޓްރީން ބުނީ ފޯންކޯލްގައި ދެ ގައުމުގެ އަޚުވަންތަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުންނާއި، ސައުދީ ފަންޑުގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް މިނިސްޓްރީން ބުނެ އެވެ.

ސައުދި އަރަބިއްޔާގައި ވޯލްޑް އެކްސްޕޯ ބާއްވަން ރާއްޖެއިން ތާއީދުކުރާނެ ކަމަށް ހާމަކޮށްފައި މިވަނީ ސައުދީގައި މިފަހުން ފަތުރުވެރިކަން ފުޅާކުރުމަށް ހާއްސަ ސިޔާސަތެއްގެ ދަށުން ބޮޑެތި އިންވެސްޓްމަންޓްތަކެއް އެގައުމުގައި ކުރަން ފަށާފައިވާ ވަގުތެއްގަ އެވެ.

ސައުދީ އަރަބިޔާގައި ފަތުރުވެރިކަން ފުޅާކުރުމަށް އެ ގައުމުގެ ރެޑް ސީ ސަރަހައްދުގައި ހާއްސަ މަޝްރޫއެއް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން ރެޑްސީ ކުންފުނިން ސައުދީގައި ހިންގާ ޕްރެޖެކްޓްގެ ދަށުން 22 ރަށެއްގައި ލަގްޒަރީ ހޮޓާތަކާއި މެރީނާއާއި އެއާޕޯޓެއް ވެސް އަޅާނެ އެވެ. ސައުދީން އަންދާޒާ ކުރާ ގޮތުގައި އެ ޕްރޮޖެކްޓް ނިމުމުން 70،000 ވަޒީފާ އުފެދި އުފެއްދުންތެރިކަން 5.86 ބިލިއަން ޑޮލަރަށް އިތުރު ވާނެ އެވެ.