ޑީޖޭއޭ

ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލިސް އެކުލަވާލައިފި

Jan 27, 2022

ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށް ހުށަހަޅަން ޖެހޭ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް މި އަހަރަށް އެކުލަވާލައިފި އެވެ.

ޖޭއެސްސީން ފަނޑިޔާރުންގެ މައްސަލަ ބެލުމަށްފަހު ގޮތެއް ނިންމުމުން އެ މައްސަލަތައް ކޯޓަށް ހުށަނޭޅޭނެ ކަމަށް ޖޭއެސްސީގެ ގާނޫނުގައި ބުނެފައިވެ އެވެ. ކޯޓަށް ހުށަހެޅުމުގެ ބަދަލުގައި އެފަދަ މައްސަލަތައް ހުށަހަޅަންޖެހެނީ ޖޭއެސްސީގެ ގާނޫނުގެ ދަށުން އެކުލަވާލާ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށެވެ.

އެއް އަހަރު ދުވަހަށް އެކުލަވާލާ އިސްތިއުފާން މަޖިލީހުގައި ތިއްބަވާނީ އުއްތަމަ ފަނޑިޔާރު ފިޔަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައިކޯޓުގެ ފަނޑިޔާރެއްގެ އިތުރުން ސްޕީރިއާ ކޯޓުތަކުގެ ތެރެއިން ފަނޑިޔާރެކެވެ. އެ ބޭފުޅުންނަކީ ޖޭއެސްސީގެ މެންބަރުންނަށް ވެގެން ނުވާނެ ކަމަށް ގާނޫނުގައިވެ އެވެ.

އަލަށް އެކުލަވާލީ އިސްތިއުނާފް މަޖިލީހުގައި ތިއްބެވި ފަނޑިޔާރުންގެ މައުލޫމާތު ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ވަނީ ހާމަކޮށްފަ އެވެ. އެގޮތުން މަޖިލީހަށް އައްޔަންކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދާއި ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމްގެ އިތުރުން ޑްރަގް ކޯޓުގެ ގާޒީ މުހުތާޒު ފަހުމީ އެވެ.

ޖޭއެސްސީން މިދިޔަ އަހަރު 33 މައްސަލަ ނިންމާ، މައްސަލަ ސާބިތުވި 15 ފަނޑިޔާރަކަށް ފިޔަވަޅު އަޅާފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ހުށަހެޅީ އެންމެ ދެ މައްސަލަ އެވެ. އެ ދެ މަައްސަލަ ވެސް ބަލައި ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެފައިވެ އެވެ.