ޓޫރިޒަމް

މިދިޔަ ކުއާޓަރުގައި ޓޫރިޒަމް ރޫމް ރޭޓް މަތިވެއްޖެ: ސާވޭ

Jan 28, 2022

މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ޓޫރިޒަމް ރޫމްރޭޓް ބޮޑު ތަނުން މަތިވެފައިވާ ކަމަށް ޓޫރިޒަމް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމްއެމްއޭ) އިން ބުނެފި އެވެ.

ރާއްޖޭގެ މައިގަނޑު ސިނާއަތްތަކުގެ ވިޔަފާރީގެ ހަރަކާތްތައް ބަލަން އެމްއެމްއޭއިން ޑިސެމްބަރު 31 އިން މިމަހުގެ 23 ގެ ނިޔަލަށް ކުރި ކުއާޓަލީ ބިޒްނަސް ސާވޭ ދައްކާ ގޮތުން އެންމެ ބޮޑު ކުރިއެރުމެއް ލިބިފައި ވަނީ ޓޫރިޒަމް ސެކްޓާއަށެވެ. ޓޫރިޒަމްގެ މައި ސީޒަންއާ ދިމާކޮށް ހެދި މި ސާވޭގައިވާ ގޮތުން މި ކްއާޓަރުގައި ބުކިންތައް އިތުރުވެ ބުކިންތަކުން ލިބުނު އާމްދަނީ ވެސް ވަނީ މަތިވެފަ އެވެ.

އެންމެ ބޮޑު 123 ވިޔަފާރިއަށް ސުވާލު ކަރުދާސް ފޮނުވައިގެން ކުރި ސާވޭގައިވާ ގޮތުން ސާވޭގައި ބައިވެރިވި 58 ޕަސެންޓް ވިޔަފާރިން ބުނެފައި ވަނީ މުވައްޒަފުންގެ ނެގި އަދަދުވެސް މި ކްއާޓަރުގައި އިތުރުވެފައިވާ ކަމަށެވެ. އަދި ޓޫރިޒަމަށް މައިގަނޑު އާމްދަނީ ލިބޭ ރޫމްރޭޓް ވެސް ވަނީ މަތިވެގެން ގޮސްފަ އެވެ. އެގޮތުން 94 ޕަސެންޓް ވިޔަފާރިން ބުނެފައި ވަނީ ރޫމްރޭޓް އަށް ބޮޑު ކުރިއެރުން ލިބިގެން ގޮސްފައިވާ ކަމަށެވެ.

ޓޫރިޒަމް ރޫމް ރޭޓް މަތިވެގެން ދިޔަ ނަމަވެސް މި ދާއިރާއަށް ފައިނޭންސް ހޯދުމަށް ހުރި ހުރަސްތަކަަށް ނިމުމެއް ނާންނަ ކަމަށް ސާވޭގައި ބައިވެރިވި ގިނަ ވިޔަފާރިތަކުން ބުނެފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޓޫރިޒަމްގެ މައި ސީޒަން ކަމަށް ވުމުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު މައްޗެވެ. މިދިޔަ އަހަރު ނިންމާލީ 1.3 މިލިއަން ޓޫރިސްޓުންގެ ރެކޯޑަކާ އެކުގަ އެވެ.