ބޮލީވުޑް

ހަފްތާއެއްގެތެރޭ ޝާހްރުކްގެ "ދިލްވާލޭ" އަށް 1000 މިލިއަން ރުޕީޒް!

މިއަހަރުގެ އެންމެ ބޮޑު ކުރިމަތިލުމުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރި ދެ ފިލްމު މިދިޔަ ހުކުރު ދުވަހު ރިލީޒްކޮށްފައިވާއިރު އުންމީދު ކުރިގޮތަށް ފުރަތަމަ ދުވަހު ފަސޭހަކަމާ އެކު ކާމިޔާބު ކޮށްފައިވަނީ ޝާހްރުކް ޚާން އާއި ކާޖޮލް ލީޑްރޯލު ކުޅެފައިވާ "ދިލްވާލޭ" އެވެ.

މި ދެ ފިލްމުވެސް ރިލީޒްވކުރުމުގެ ކުރިން ދެފިލްމުގެ ވާދަވެރިކަން އިންތިހާއަށް ބޮޑުވެފައިވާއިރު، ފުރަތަމަ ދުވަހު މި ދެ ފިލްމަށް ލިބުނު ތަރުހީބަށް ބަލާއިރު މާބޮޑަށް ވެސް ހިނގާފައިވަނީ ޝާހްރުކާއި ކާޖޮލްގެ "ދިލްވާލޭ" އެވެ.

ފުރަތަމަ ދުވަހު "ދިލްވާލޭ" އަށް ބޮޑު އާމްދަނީއެއް ލިބުނު ނަމަވެސް ފާޑުކިޔާ ފަރާތްތަކުން މިފިލްމަށް އިންތިހާއަށް ފާޑުކިޔާފައިވުމުގެ ސަބަބުން މިދިޔަ ހަފްތާގެ ތެރޭގައި ފިލްމުގެ ވިޔަފާރި އަށް ވަނީ ކޮންމެވެސް ވަރެއްގެ އަސަރުތަކެއް ކޮށްފަ އެވެ. ނަމަވެސް ފިލްމު ރިލީޒްކުރިތާ ހަފްތާއެއްވީ ދުވަހު މި ފިލްމަށް ވަނީ އިންޑިއާއިން އެކަނި 100 ކްރޯޑު (1000 މިލިއަން) ރުޕީޒް ލިބިގެން ގޮސްފަ އެވެ.

ފުރަތަމަ ހަފްތާގައި މިފިލްމަށް ލިބުނު އާމްދަނީ ހިއްސާ ކުރަމުން ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް ކުރި ޓްވީޓެއްގައި ވަނީ ޝާހްރުކާއި ކާޖޮލްގެ އިތުރުން ވަރުން ދަވަން އާއި ކީރްތީ ސަނޮން މުހިންމު ރޯލުން ފެނިގެން ގޮސްފައިވާ "ދިލްވާލޭ" އަށް އެއް ހަފްތާގެ ތެރޭގައި 102.65 ކްރޯޑް ރުޕީޒް ލިބިފައިވާ ކަމަށެވެ.

މިފިލްމާއެކު ރިލީޒްކުރި ރަންވީރު ސިންގް އާއި ދިޕިކާ ޕަދުކޯންގެ "ބާޖީރާއޯ މަސްތާނީ" އަށް ފުރަތަމަ ދުވަހު ބޮޑު އާމްދަނީއެއް ނުލިބުނު ނަމަވެސް ފިލްމު ކްރިޓިކްސްއާއި ފިލްމު ބެލި ފަރާތްތަކުން ފިލްމު މޮޅު ކަމަށް ބުނެ ތައުރީފު ކުރަމުން ދިއުމުގެ ސަބަބުން، ފިލްމު ބަލަން ސިނަމާތަކަށް ވަދެފައިވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަން އިތުރުވެގެން ގޮސްފަ އެވެ.

އެގޮތުން "ބާޖީރާއޯ މަސްތާނީ" އަށް ފުރަތަމަ ހަފްތާގައި ވަނީ 86.15 ކްރޯޑް ލިބިފަ އެވެ.

"ބާޖީރާއޯ މަސްތާނީ" އަށް ވުރެން "ދިލްވާލޭ" މާރަނގަޅަށް ވެސް ހިނގާފައިވާއިރު، މިފިލްމު ވަނީ މިއަހަރުގައި ނިކުތް ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ތިންވަނަ ފިލްމަށް ވެގެން ގޮސްފަ އެވެ. ނަމަވެސް ދުވަހަކަށް ވުރެން ދުވަހެއް "ބާޖީރާއޯ"ގެ ވިޔަފާރި އަންނަނީ ރަނގަޅުވަމުންނެވެ.

ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާއާއި ހަމައަށް އިތުރު ފިލްމެއް ރިލީޒްވާން ނެތްއިރު، މިދެފިލްމަށްވެސް ކުރިއަށް އޮތްތަނުގައި ރަނގަޅު އާމްދަނީއެއް ލިބުމުގެ ފުރުސަތު އަދި އެބައޮތެވެ.

މި ދެފިލްމަކީވެސް 100 ކްރޯޑަށް ވުރެން މަތީގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމަށްވީއިރު "ދިލްވާލޭ" އަށް މިހާރު އިންޑިއާގެ އިތުރުން މުޅި ދުނިޔެއިން ވެސް ވަނީ 100 ކްރޯޑަށް ވުރެ ގިނައިން ލިބިގެން ގޮސްފަ އެވެ. ޖުމްލަ މިފިލްމަށް ލިބުނު އާމްދަނީ މިހާރު 300 ކްރޯޑާއި ގާތްކުރާނެ އެވެ.