މޯލްޑިވްސް ނޭޝަނަލް ޕާޓީ

މިއުޅެނީ އެމްޑީޕީ، ޕީޕީއެމް ނޫން ގޮތެއް ހޯދަން: ރިޔާޒު

Jan 30, 2022
4

އެމްއެންޕީން މަސައްކަތް ކުރަނީ އެމްޑީޕީއާއި ޕީޕީއެމް ނޫން ފިކުރެއްގެ ތެރޭން ރައްޔިތުންނަށް ގޮތްތަކެއް ހޯދައިދީ ފުދުންތެރި ރައްޔިތެއް އުފައްދަން ކަމަށް އެމްއެންޕީގެ ނައިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ރިޔާޒްު މިހެން ވިދާޅުވީ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްއެންޕީން މަސައްކަތް ކުރަނީ އެ ޕާޓީއަށް އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަން އެނގޭތީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓަށް ގޮނޑި ހޯދައި ދޭން ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ.

ކެމްޕޭން ޖަލްސާއެއްގައި ރޭ ޝިފާޒު ވިދާޅުވީ އެމްއެންޕީގެ އިސް ބޭފުޅުންނަކީ ކުރިން ސަރުކާރަށް ތާއީދު ކުރެއްވި ބޭފުޅުން ކަމަށެވެ. އެކަމަކު ބައި އިލެކްޝަންގެ ކެމްޕޭނާއެކު އެޕާޓީއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށެވެ. ސަރުކާރުން ރަނގަޅަށް ކުރާ އެއްވެސް ކަމެއް އެމްއެންޕީގެ ވެރިންނަށް ފެނިވަޑައިނުގަންނަވާ ކަމަށާއި ހުރިހާ ކަމަކަށް ފާޑު ވިދާޅުވާ ކަމަށެވެ. އެހެންވެ އެމްއެންޕީން މިހާރު މަސައްކަތް ކުރަނީ އެމްޑީޕީއަށް ގޮނޑި ގެއްލުވާލައި ޕީޕީއެމަށް ގޮނޑި ހޯދައިދޭން ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

ޝިފާޒުގެ ވާހަކަތަކަށް ރައްދު ދެއްވަމުން އަބްދުﷲ ރިޔާޒު ވިދާޅުވީ އެމްއެންޕީގެ އަމާޒު ވަރަށް ސާފު ކަމަށާއި އެ ޕާޓީން މިވަގުތު ހުރިހާ ކަމެއްވެސް ކުރަމުން ދަނީ އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހަންނާން އިދުރީހަށް އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތްތަކެއް ހޯދަން ކަމަށެވެ.

"އަނެއް ދެ ކެންޑިޑޭޓް ބަލިކޮށް އިންތިހާބު ކާމިޔާބު ކުރުން އެއީ މިވަގުތު އަމާޒެއް. ފުދުންތެރި ރައްޔިތެއް އުފެއްދުމަށް ކެނޑިނޭޅި މަސައްކަތް ކުރުން އެއީ އަމާޒެއް. ހައްގު މިންވަރު ހޯދައިދިނުމަށް ވަކާލާތު ކުރުން އެއީ އަމާޒެއް. އެމްޑީޕީ ނުވަތަ ޕީޕީއެމް ނޫން ގޮތެއް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުން އެއީ އަދި މާ މުހިއްމު އަމާޒެއް،" ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްއެންޕީގެ ކެންޑިޑޭޓެއް އިންތިހާބަށް ނެރުނީ އެހެން ބަޔަކަށް މި އިންތިހާބުގެ ގޮނޑި ދޫކޮށްލާ ގޮތަކަށް ނޫން ކަމަށެވެ. އެމްއެންޕީން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށާއި ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިތުރު ކުރިއެރުންތައް ހޯދާނެ ކަމަށެވެ.

ރިޔާޒު ވިދާޅުވީ މި ސަރުކާރުން ކުރާ ކޮންމެ ކަމަކަށް އެމްއެންޕީން ފާޑު ނުކިޔާ ކަމަށާއި އެކަމަކު ރައްޔިތުންނަށްޓަކައި ކޮށްދޭން ޖެހޭ ކަންކަން ނުކުރެވި ހުންނަނަމަ ރައްޔިތުންގެ ހައްގުގައި އެ މައްސަލަތަކުގެ ވާހަކަ އެމްއެންޕީން ދައްކާނެ ކަމަށެވެ. އެގޮތުން ކޮމަންޑޫ ދާއިރާގެ ރަށްތަކުގައި 24 ގަޑިއިރު އަސާސީ ބައެއް ހިދުމަތްތައް ނުލިބޭ ކަމަށާއި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ނުވާ ކަމަށެވެ. އަދި މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބޭއިރު ކޮމަންޑޫ ދާއިރާގެ ރަށްތަކުގެ މަސްވެރިން ބޭނުންވާ އައިސް އެކަށީގެންވާ ގޮތަކަށް ނުލިބޭ ކަމަށް ވިދާޅުވި އެވެ. ކޮމަންޑޫ ދާއިރާގެ ރަށްތަކުގައި އެކަށީގެންވާ ސިއްހީ ހިދުމަތް ލިބެމުން ނުދާއިރު އެ ދާއިރާގައި ޓޫރިޒަމް ވެސް ތަރައްގީ ކުރެވިފައި ނެތް ކަމަށް ފާހަގަކުރެއްވި އެވެ. މީގެއިތުރުން ކޮމަންޑޫ ދާއިރާގައި ހަދަން ވައުދުވި އެއާޕޯޓް މަޝްރޫއު ފެށިފައި ނެތުމަކީ ވެސް ރައްޔިތުންގެ ކަންބޮޑުވުމެއް ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެ ވާހަކަތައް ދައްކާނެ. ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ނުވެ ހުރިއްޔާ އެމްއެންޕީން އެ ވާހަކަތައް ދައްކަމުންދާނެ. އެމްއެންޕީން މަސައްކަތް މިކުރަނީ ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދޭން،" ރިޔާޒު ވިދާޅުވި އެވެ.