ކޮލި އަލި މަނިކު

އަލި މަނިކަކީ ރާއްޖޭގެ އިގުތިސޯދާއި ވިޔަފާރީގެ މައި ތަނބެއް: އެމްޑީޕީ

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަލީ އުމަރު މަނިކަކީ، ރާއްޖޭގެ އިގުތިސޯދާއި ވިޔަފާރީގެ މައި ތަނބެއް ކަމަށް އެމްޑީޕީއިން ބުނެފިއެވެ.

އެމްޑީޕީން ކުރިން ވަރަށް ބޮޑަށް ފާޑު ކިޔާފައިވާ އަލީ އުމަރު މަނިކު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމާގައި އެމްޑީޕީއިން ބައިވެރިވާ ކަމަށް ބުނެ އެ ޕާޓީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އަލީ އުމަރު މަނިކު ހާއްސަގޮތެއްގައި ފާހަގަކުރެވިގެން ގޮސްފައިވަނީ ގައުމީ ބޮޑެތި މަސައްކަތްތަކެއް ކުރެއްވި އަދި ރާއްޖޭގެ އިގުތިޞާދާއި ވިޔަފާރީގެ މައި ތަނބެއްގެ ގޮތުގައި ކަމަށެވެ.

އިގުތިޞާދާއި ވިޔަފާރީގެ މަތިވެރި ކާމިޔާބީއެއް ހޯއްދަވާފައިވާ އާދަޔާ ހިލާފު ޝަހުސިއްޔަތެއްގެ ގޮތުގައި އެމްޑީޕީއިން ކޮލި އަލި މަނިކު ވަނީ ސިފަކޮށްފައެވެ.

"އިގުތިޞާދާއި ވިޔަފާރީގެ ރޮނގުގެ އިތުރުން ވެސް އެމަނިކުފާނުވަނީ ދިވެހި ސަރުކާރަށް ވަރަށް ދިގު މުއްދަތަކަށް އަގުހުރި ހިދުމަތްތަކެއް ކުރައްވާފަ، އަދި ވަކިން ހާއްސަގޮތެއްގައި އަލްމަރުޙޫމް އިބްރާހީމް ނާސިރުގެ ރައީސްކަމުގައި ދިވެހިރާއްޖޭގެ ނައިބު ރައީސްކަމުގެ މަތިވެރި މަގާމު ފުރުއްވާފައިވޭ،" ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީއިން ބުނީ، ކޮލި އަލީ އުމަރު މަނިކު އަވަހާރަވުމުން ގެއްލިގެން އެދިއައީ ނުހަނު އަގުހުރި ދިވެހި ދަރިއެއްކަމާމެދު ޝައްކެއް ނެތް ކަމަށާއި އެއީ އެންމެހައި ދިވެހީންނަށް ލިބިގެންދިއަ ފުން ހިތާމައެއް ކަމަށެވެ.

އަލީ އުމަރު މަނިކު އަވާހަރަވެފައިވަނީ ރޭގެ ވަގުތެއްގައި ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 80 އަހަރެވެ.

އަލީ އުމަރު މަނިކު އަވަހާރަވުމުގެ ހިތާމައިގައި، މިއަދުން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަލީ އުމަރު މަނިކަކީ 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ސަރުކާރަށް އިހުލާސްތެރި ހިދްމަތްތަކެއް ކުރައްވާފައިވާ އަދި ސަރުކާރުގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ ރައީސް އިބްރާހީމް ނާޞިރުގެ ދައުރުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަގާމު ފުރުއްވާފައެވެ.