ފެމިލީ ކޯޓް

ރީތި ތާރީހުގައި ވަރީގެ 17 މައްސަލަ

Feb 2, 2022
1

މިއަހަރުގެ އެންމެ ރީތި ތާރީހު، (22-02-2) ގެ ގޮތުގައި ބައެއް މީހުން ދެކޭ މިއަދުގެ ތާރީހާ ދިމާކޮށް ވަރިއާ ގުޅޭ 17 މައްސަލަ ބަލަން ފެމިލީ ކޯޓުގައި ތާވަލްކޮށްފި އެވެ.

ފެމިލީ ކޯޓުގެ މިއަދު ތާވަލްގައި 25 މައްސަލައެއް ކުރިއަށް ގެންދަން ހިމަނާފައިވާއިރު މިއަދުގެ ތާވަލްގައި އެންމެ ގިނައީ ވެސް ވަރީގެ މައްސަލަ އެވެ. ތާވަލްގައިވާ 17 މައްސަލައަކީ ވަރިއާ ގުޅޭ މައްސަލަތަކެވެ.

ކޯޓުގެ އަޑުއެހުންތައް މިއަދު ހެނދުނު 8:45 ގައި ފެށުމަށް ހަމަޖައްސާފައި އޮތީވެސް ވަރިއާ ގުޅޭ މައްސަލަ އަކުންނެވެ.

ތާވަލްގައިވާ ވަރިއާ ގުޅޭ 17 މައްސަލައިގެ ތެރެއިން 12 މައްސަލައަކީ ވަރިވުމަށް އެދި ހުށަހަޅާފައިވާ މައްސަލަތަކެވެ. އަނެއް ފަސް މައްސަލަ އަކީ ވަރި ސާބިތުކުރުމާ ގުޅޭ މައްސަލަތަކެވެ.

މިއަހަރުގެ އެންމެ ރީތި ތާރީހުގެ ގޮތުގައި ބައެއް މީހުން ދެކޭ މިއަދުގެ މި ތާރީހާ ދިމާކޮށް 39 ކައިވެނި ކޮށްދިނުމަށް ވެސް ފެމިލީ ކޯޓުން ނިންމާފައިވެ އެވެ.

ފެމިލީ ކޯޓުގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން 2،399 ކައިވެންޏެއް މިދިޔަ އަހަރު އެކޯޓުން ކޮށްދީފައިވެ އެވެ. އަދި މިދިޔަ އަހަރު ނިމުނުއިރު 1،192 ވަރި ރަޖިސްޓްރީ ކޮށްފައިވެ އެވެ.

އެހެންކަމުން މިދިޔަ އަހަރު ދުވާލަކު ނިސްބަތުން ހަ ކައިވެނިކޮށްދީފައިވާއިރު ދުވާލަކު ނިސްބަތުން ތިން ވަރި ރަޖިސްޓްރީ ކޮށްދީފައި ވެއެވެ.