އިނގިރޭސިވިލާތް

ޔޫކޭ ރާއްޖޭގެ އެއްވަނަ ޓޫރިޒަމް މާކެޓާ ދިމާލަށް

އިނގިރޭސިލާތުގެ މާކެޓު ހަލުވިކަމާއެކު ރަނގަޅުވެ، މި އަހަރު އެންމެ ގިނައިން ޓޫރިސްޓުން އަންނާނެ ގައުމަށް އެ ގައުމުވުމުގެ އުންމީދު އާވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާރު ޔޫކޭއިން ރާއްޖެއަށް 14,276 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި އެ ގައުމުން ރާއްޖެ އަންނަ ޓޫރިސްޓުންގެ 10.2 ޕަސެންޓް މިހާރު ހިިއްސާ ކުރެ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޔޫކޭ މާކެޓު ހަލުވިކަމާއެކު ކުރިއަރަން ފަށާފައިވާއިރު، މި އަހަރު ފެށުނުއިރު އެ ގައުމުން އައިސްފައިވަނީ 1,475 މީހުންނެވެ. ނަމަވެސް މިހާރު މި އަދަދު ވަނީ 10،000 އަށްވުރެ ގިނަ ޓޫރިސްޓުންނާއެކު ޖުމްލަ 14,276 ޓޫރިސްޓުންނަށް އިތުރުވެފަ އެވެ. މި އަދަދުން ބަލާނަމަ ކުރިއަށްއޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ޔޫކޭ މާކެޓު ރާއްޖޭގެ އެއްވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ޔޫކޭ މާކެޓު ރަނގަޅުވެފައިވަނީ އެ ގައުމުން އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް އެއާލައިން ކަމަށްވާ ބްރިޓިޝް އެއާވޭސް މިދިޔަ އަހަރުގެ ފަހުކޮޅު ފެށުމާއެކުގަ އެވެ. އަދި ކޮވިޑުގެ ހާލަތު އޮތްނަމަވެސް އެ ގައުމުން ދީފައިވާ ލުއިތަކާއެކު ރާއްޖެ އަންނަ ގިނަ އެއާލައިންތަކެއް ޔޫކޭއިން ޓޫރިސްޓުން ގެނެ އެވެ،

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ރަޝިއާ އިން މިހާތަނަށް އައިސްފައިވަނީ 24,464 މީހުންނެވެ. އަދި މިއަހަރުގެ މިހާތަނަށް ޖުމްލަ 139،555 މީހުން އައިސްފައިވެ އެވެ.