ހަބަރު

"މޭކް މައި އައިލެންޑް" އެޕް އިފްތިތާހް ކޮށްފި

ރަށް ރަށައް ދިމާވާ ތިމާވެށީގެ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް "މޭކް މައި އައިލެންޑް" ގެ ނަމުގައި މޯބައިލް އެޕްލިކޭޝަނެއް ޔޫއެންޑީޕީން ތައާރަފްކޮށްފި އެވެ.

މި އެޕްލިކޭޝަން ތައާރަފް ކުރައްވާ ވާހަކަ ދައްކަވަމުން އެންވާރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މަޖީދު ވިދާޅުވީ މި އެޕްލިކޭޝަނަކީ ވަރަށް ހާއްސަ އަދި ވަރަށް މުހިއްމު އެޕްލިކޭޝަނެއް ކަމަށެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ކުނި އެޅުމާއި ރަށްގިރުމުގެ އިތުރުން މަގުމަތީގައި ހަރުކޮށްފައިވާ ބޮކިތައް އެނދުމުން، ފަރުދީ ހައިސިއްޔަތުން ކަމާ ބެހޭ ފަރާތްތަކަށް އެކަން ރިޕޯޓު ކުރެވޭނެއެވެ.

ދިވެހި ފުލުހުންނާއި ވޭސްޓް މެނޭޖްމަންޓް ސެކްޝަން ގުޅިގެން ހިންގާ މި ޕައިލެޓް ޕްރޮޖެކްޓުގެ މައިގަނޑު މަގްސަދަކީ އާންމުންނަށް ދިމާވާ ދަތިތައް ކަމާބެހޭ ފަރާތްތަކާއި ފަސޭހައިން ހިއްސާ ކުރެވޭނެ މަގު ތަނަވަސް ކޮށްދިނުމެވެ.

މައްސަލައެއް ރިޕޯޓުކޮށްފިނަމަ ކަމާ ބެހޭ ފަރާތްތަކުން މައްސަލަ ބެލުމަށް ފަހު، އެ މައްސަލައެއް ރިޕޯޓު ކުރި ފަރާތަކަށް އީމެއިލް ގެ ޒަރިއްޔާއިން ޖަވާބު ލިބޭނެކަމަށް ޔޫއެންޑީޕީން މައުލޫމާތުދެއެވެ.

މޭކް މައި އައިލެންޑް މެދުވެރިކޮށްގެން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ރިޕޯޓުކުރެވޭނީ އާންމު ސަރަހައްދު ތަކަށް ކުނި އެޅުމުގެ މައްސަލަ އެކަންޏެވެ. އެހެން ނަމަވެސް އެހެން މައްސަލަތައް ހުރިހާ ރަށަކުން ރިޕޯޓުކުރުމުގެ މަގު ވަރަށް އަވަހަށް ތަނަވަސް ކޮށްދޭނެއެވެ.

މޭކް މައި އައިލެންޑް މެދުވެރިކޮށް ލ. އަތޮޅުގެ ރަށްތަކުން ރިޕޯޓުކުރެވޭ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:

- މަގުމަތީގައި ހަރުކޮށްފައިވާ ހޮޅި ދަނޑިތަކަށް ގެއްލުން ވެފައި ހުރުން
- ރަށް ގިރުން
- ރައްޔިތުންގެ މުދަލަށް ގެއްލުން ދިނުން
- ގްރެފީޓީ
- ގަވާއިދާއި ހިލާފަށް ޕާކުކުރުން

މޭކް މައި އައިލެންޑް މެދުވެރިކޮށް ރިޕޯޓެއް ކުރަން ބޭނުންވާ ފަރާތްތަކުން އެޕް ޑައުންލޯޑް ކުރުމަށް ފަހު، ރަޖިސްޓާވެ، ރިޕޯޓުކުރާ މަައްސަލައިގެ މައުލޫމާތާއި ފޮޓޯ ހިއްސާ ކުރަން ޖެހެއެވެ. އަދި މައްސަލައިގެ މައުލޫމާތާއި ފޮޓޯ ހިއްސާކޮށް މެޕުން އެ މައްސަލައެއް ދިމާވި ތަނެއް ނުވަތަ ސަރަހައްދެއް ފާހަގަކުރުމުން ކަމާބެހޭ ސަރުކާރުގެ އިދާރާތަކަށް އެ މައްސަލަ ރިޕޯޓު ކުރެވިގެންދާނެއެވެ.

މި މޯބައިލް އެޕް މާލެ ސަރަހައްދުގެ އިތުރުން ލ. އަތޮޅުގައި މިހާރުވަނީ ޕައިލެޓް ކޮށްފައެވެ. އަދި ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް މި އެޕް ޕައިލެޓް ކުރުމަށްވަނީ ހަމަޖެހިފައިވާ ކަމަށް ޔޫއެންޑީޕީން ބުނެއެވެ.

މި އެޕް މިހާރު އެޕަލް އެޕް ސްޓޯރުން އަދި ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑުކުރެވޭނެއެވެ.