އެޗްޑީސީ

ހުޅުމާލޭގެ ނުވަ ބިމެއްގައި ކުދި ޕާކްތަކެއް ހަދަނީ

Feb 6, 2022

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުސްކޮށް އޮތް ނުވަ ބިމެއްގައި ކުދިކުދި ޕާކްތަކެއް ހެދުމަށް އެޗްޑީސީން ނިންމައިފި އެވެ.

އެޗްޑީސީން ބުނީ ތަފާތު ފަސް ކޮންސެޕްޓަކަށް ޕާކްތައް ހަދަނީ އަޅާނުލެވި ދޫކޮށްލާފައިވާ ސަރަހައްދުތަކަކަށް ދިރުން ގެނެސް އާންމުންނަށް ބޭނުން ހިފޭނެ ގޮތަކަށް އެ ތަންތަން ތަރައްގީކުރަން ބޭނުންވާތީ ކަމަށެވެ.

ޕާކްތައް ހަދަން ނިންމާފައިވަނީ ކުދި ވިޔަފާރިތަކަށް ހާއްސަ ކިއޯސްކްތަކާއި، އިށީންނަން ބެންޗުތަކާއި، ކުޑަކުދިން ބައިސްކަލް ދުއްވާނެ މަގުތަކާއި ކުޅޭ ސާމާނާއި، ވައިފައި އާއި ފޯނު ޗާޖުކުރާ ޗާޖިން ސްޓޭޝަންތައް ވެސް ހިމެނޭ ގޮތަށެވެ.

އެޗްޑީސީން ޕާކްތައް ހަދަން ނިންމާފައިވަނީ ގިނަ ގަސްތަކެއް ހިމެނޭ ފެހިކަން ގަދަ ތަނެއްގެ ގޮތުގަ އެެވެ. އަދި އާއިލާތައް އެއްވެ ހިތްހަމަޖައްސާލެވޭ ތަންތަނުގެ ގޮތުގަ އެވެ.

ކުންފުނިތަކުގެ އިޖުތިމާއީ ޒިންމާގެ ދަށުން ހިލޭ ސާބަހަށް އެ މަސައްކަތްތައް ކޮށްދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް އެޗްޑީސީން ވަނީ ފަށާފަ އެވެ.

އެޗްޑީސީން ބުނީ ޝައުގުވެރިވާ ފަރާތްތަކަށް އެ މަސައްކަތް ކޮށްދިނުމަށް މިހާރު ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

އެޗްޑީސީން ގެންދަނީ ހުޅުމާލޭގެ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި ވެސް ޕާކެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބޮޑު ބިމެއްގައި އެޗްޑީސީން ވަނީ ސެންޓްރަލް ޕާކްގެ ނަމުގައިވެސް ޕާކެއް ވެސް ހަދާފަ އެވެ.