ޔޫތު މިނިސްޓްރީ

މާލީ އެހީ ބޭނުންވާ ޖަމިއްޔާތަކަށް ހުޅުވާލައިފި

Feb 6, 2022

މަދަނީ ޖަމިއްޔާތަކުން ހިންގާ މުޖުތަމައު ބާރުވެރިކުރުމުގެ މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ޔޫތު މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނ އެހީއަށް އެދި ހުށަހެޅޭނީ ޖަމިއްޔާތަކާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް ހިނގަމުންދާ ޖަމިއްޔާތަކަށް ކަމަށެވެ.

މިހާރު ކޮށްފައިވާ އިއުލާންގެ ދަށުން އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކުދި، މެދު އަދި ބޮޑެތި މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށެވެ.

އެހީގެ ގޮތުގައި ކޮންމެ ޖަމިއްޔާއަކަށް ވެސް ދިނުމަށް ހަމަޖެހިފައިވަނީ ގިނަވެގެން ތިން ލައްކަ ރުފިޔާ އެވެ.

ޕްރޮޕޯސަލް ހުށަހަޅާ މަޝްރޫއު ނުވަތަ ހަރަކާތަށް ބިނާކޮށް ޕްރޮޕޯސަލްގައި ހިމަނަންޖެހޭ މައުލޫމާތުގެ އިތުރުން ކަމާ ގުޅޭ ލިޔެކިޔުންތައް ވެސް ހިމަނަންޖެހެ އެވެ. މީގެ ތެރޭގައި ކައުންސިލް ފަދަ މުއައްސަސާއަކުން، ހިންގަން ބޭނުންވާ މަޝްރޫއުތަކާއި ހަރަކާތްތައް ބަލައިގަންނަ ކަހަލަ ލިޔމެއް، މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށް އެހެނިހެން ފަރާތްތަކުން އެހީ ހޯދާނަމަ ނުވަތަ ލިބިފައިވާނަމަ އެކަން އެނގޭފަދަ ލިޔުމެއް ހިމަނަންޖެހެ އެވެ. އަދި މަޝްރޫއު ނުވަތަ ހަރަކާތާ ގުޅުންހުރި ކުރެހުންތަކާއި، ކޮންސެޕްޓް ޕޭޕަރާއި، މުޖުތަމައުގެ ބައިވެރިވުން އޮތް ކަން ކަށަވަރުވާ ފަދަ ލިޔުމަކާއި، މެހެއްޓެނިވި ގޮތަކަށް އެކަންކަން ކުރިއަށްދާނެ ކަން އަންގައިދޭ ލިޔުމެއް އޮތުމުން ޕްރޮޕޯސަލް އަށް ލިބޭ މާކްސް އިތުރުވެ އެވެ.

ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 21 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ޖެހުމާ ހަމައަށެވެ.