އަލްހާން ފަހުމީ

އީޔޫއިން ގަރާރެއް ނެރުނީ ރަނގަޅު މައުލޫމާތު ނުހޯދައި: އަލްހާން

ރައީސް ނަޝީދުގެ މައްސަލަ އާއި ގުޅޭގޮތުން ޔޫރަޕިއަން ޔޫނިއަނުން ނެރުނު ގަރާރަކީ އެއްވެސް މިންވަރަކަށް ތެދު ދޮގު ބަލައި މައުލޫމާތު ސާފުކުރުމަށްފަހު ނެރެފައި އޮތް ގަރާރެއް ނޫން ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެ އެެވެ.

ނަޝީދުގެ މައްސަލަ އިސްތިއުނާފް ކުރުމަށް މިއަދު ސުޕްރީމް ކޯޓަށް ހުށަހެޅުމާއި ގުޅިގެން އަލްހާން ވިދާޅުވީ އީޔޫގެ ގަރާރުގައި، ސިޔާސީ ކުށްވެރިންގެ ތެރޭގައި ހިމެނޭ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބުރާހިމާއި، މުހައްމަދު ނާޒިމް އަދި އަދާލަތުގެ ރައީސް އިމްރާން އެއްވެސް ޝަރުތަކާއި ނުލާ ދޫކޮށްލުމަށް ގޮވާލާފައި ވުމުން އެއީ އެއްވެސް ވަރަކަށް އެކަން އޮތް ގޮތް ބަލާލުމެއް ނެތި ނެރެފައިވާ ގަރާރެއްކަން އެނގޭ ކަމަށެވެ.

"މިއީ އޮޕޮޒިޝަން އިން ނުވަތަ އެމްޑީޕީގެ ފަރާތުން ނުވަތަ ރައީސް ނަޝީދުގެ ފަރާތުން ލޮބީ ކުރައްވާ ބަޔަކު ނުބައި މައުލޫމާތު ދެނީ. ރާއްޖޭގެ ރައްޔިތުންނަކީ މިއަދު ގމރނ ނެއް ނޫން. ވިސްނާލީމަ އެނގޭނެ ގާނޫނު އަސާސީ ބަދަލުކޮށްގެން އެގޮތް މިގޮތް ހަދައިގެން ނައިބު ރައީސް ކަމަށް އައްޔަނު ކުރި އަދީބު ކުއްލިއަކަށް ހައްޔަރުކޮށްގެން ޖަލަށް ލައިގެން ރައީސް ޔާމީނަށް ވާނެ ސިޔާސީ ފައިދާއެއް އަޅުގަނޑުމެންނަކަށް ސާފެއް ނުވޭ. ބޮޑޫ ކްރިމިނަލް އިންވެސްޓިގޭޝަނެއްގައި ރައީސުލް ޖުމްހޫރިއްޔާ އަވަހާރަކޮށްލަން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ އިންވެސްޓިގޭޝަނެއްގައި ކޯޓު އޯޑަރު ލިބިގެން އަދީބު ހައްޔަރުކޮށް ދިވެހި ރާއްޖޭގައި އިޖުރާއަތްތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދާ ކަމެއްގައި ޔޫރަޕިއަން ޔޫނިއަން އަކަށް ނުބެހެވޭނެ. ޔޫރަޕިއަން ޔޫނިއަން އަކަށް އަދީބު ދޫކޮށްލާކަށް ނުގޮވޭނެ" އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ މިގޮތަށް ބޭރުގެ ފަރާތްތަކަށް ދޮގު މައުލޫމާތު ދީގެން ބޭރުގެ ފަރާތްތައް ލައްވާ ރާއްޖެއާ ދޭތެރޭ ފިޔަވަޅު އަޅުވައިގެން ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށާއި އެކަމުގެ ސަބަބުން ދިވެހި މާލިއްޔަތަށް ގެއްލުން ލިބޭނެ ކަމަށެވެ.

"މިކަމަކީ ރައްޔިތުންނަށް އަދި އެމްޑީޕީއަށްވެސް ފައިދާހުރި ކަމެއް ނޫން. މާދަމާ އަޅުގަނޑުމެން ވެރިކަމަށް އައިސް ބަނޑަށް ޖެހިފައިވާ ގައުމެއްގައި ވެރިކަން ކުރެވޭތޯ؟ ގައުމުގެ އިކޮނޮމީ ހިފަހައްޓައިގެން މިގައުމުގެ ޕޮލިޓިކަލް ސްޓޭބިލިޓީ ދަމަހައްޓައިދީގެން އަޅުގަނޑުމެން ވެރިކަމަށް އަންނަން މަސައްކަތް ކުރަންވީ." އަލްހާން ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަން ޖެހޭނީ ރާއްޖޭގެ އިގްތިސާދަށް ގެއްލުން ނުވާ ގޮތަށް ކަމަށާއި ބޭރުގެ ފަރާތްތައް މެދުވެރިކޮށްގެން ރާއްޖެއަށް ފިއްތުންތައް ކުރިމަތި ކުރުވައިގެން ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށް އަލްހާން ވިދާޅުވިއެވެ.

އަލްހާން ވަނީ ސަރުކާރު ވައްޓާލަން އަބަދު މަސައްކަތް ނުކުރެވޭނެ ކަމަށާއި ސަރުކާރު ވައްޓާލައި ސަގާފަތް ދޫކޮށްލަން ޖެހޭ ކަމަށް ވިދާޅުވެ، އެޕްޑީޕީގެ ލީޑަޝިޕަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އެޕްޑީޕީގެ އެތެރޭގައި ޑިމޮކްރަސީ ނެތް ކަމަށާއި އެޕާޓީގެ އިދާރާވެސް މިހާރު އޮތީ ބޮއްސުން ލާފައި ކަމަށް އަލްހާން ވިދާޅުވިއެވެ. އަލްހާން ވަނީ ވަކި ބަޔަކު އެޕާޓީ ހައިޖެކް ކޮށްގެން އުޅުއްވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.