ހަބަރު

ނާޒިމް ފްރޭމް ކުރިކަމަށް ހެއްކެއް ނުދެއްކުނު: އަލްހާން

ނުރައްކާތެރި ހަތިޔާރު ގެންގުޅުނު ކަމުގެ ދައުވާ ސާބިތުވެ 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ފްރޭމް ކޮށްފައިވާ ކަމަށް ބުނެވޭނެ ހެއްކެއް ނުދެއްކުނު ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

ޓެރަރިޒަމްގެ ދައުވާ ކޮށް 13 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ މިއަދު އިސްތިއުނާފް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އާއި ގުޅޭގޮތުން އަލްހާން ވިދާޅުވީ ނާޒިމް ފްރޭމް ކުރި ކަމަށް ބުނާނަމަ ފްރޭމް ކުރީ ކިހިނެއް، ކާކު ކަމާއި، ފެނުނު ފިސްތޯލައަކީ ކާކު، ކޮންތާކުން ގެނައި އެއްޗެއް ކަން ބުނެދެވެންޖެހޭނެ ކަމަށެވެ.

"ނާޒިމް ފްރޭމް ކޮށްފައިވާ ކަމަށް ބުނާނަމަ ރާއްޖޭގެ ޖަލުތަކުގައި މަސްތުވާ ތަކެތީގެ މައްސަލަ ތަކުގައި ހައްޔަރުކޮށްފައި ތިބި ހުރިހާ ކުދިންގެ ގޭގެއިންނާއި ތަންތަނުން ފެނުނު އެއްޗެއްސަކީ ފްރޭމްކޮށްފައި ތިބި އެއްޗެހި ކަމަށް ބުނެ އެކުދިންގެ އާއިލާއިން މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަންވީ ނޫންތޯ؟" އަލްހާން ވިދާޅުވިއެވެ.

ނާޒިމްގެ މައްޗަށް ދައުވާ ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މިއަހަރުގެ މާޗްމަހުގެ 27 ވަނަ ދުވަހު އެވެ. ނާޒިމްގެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނާޒިމްގެ މައްޗަށް އިއްވި ހުކުމްގައި ބުނެފައިވަނީ 18 ޖެނުއަރީ 2015 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި ނާޒިމް ދިރިއުޅުއްވާ ގ. އެނިފް ބަލާ ފާސްކުރިއިރު ކޮޓަރީގައި ހުރި ކުޑަ ކަޕްބޯޑްގެ ތެރޭގައި އޮތް ކަޅު ދަބަހެއްގެ ތެރެއިން ފިސްތޯލަ އަކާއި ތިން ވަޒަން އަދި މަގަޒިންއެއްގެ އިތުރުން ޕެންޑްރައިވް އެއް ފެނިފައިވާކަން ޝަރީއަތައް ހުށަހެޅި ހެއްކާއި ޤަރީނާ އިން ސާބިތުވާ ކަމަށެވެ.

އަދި އެތަކެއްޗަކީ އެމްއެންޑީއެފްގެ ހަތިޔާރު ނޫން ކަމަށާއި އަދި އެއީ އަސްލު ހަތިޔާރުކަން ވެސް ހެކިންގެ ހެކިބަހުން އެނގޭ ކަމަށް އަދި މިހަތިޔާރަކީ ނާޒިމްގެ އެއްޗެއް ނޫންކަން ސާބިތު ކޮށްދެވިފައި ނުވުމުން އެގެއިން ފެނުނު ހަތިޔާރަކީ ނާޒިމްގެ އެއްޗެއް ނޫން ކަމަށް ބެލެވޭނެ އެއްވެސް ފުރުސަތެއް ނެތް ކަމަށްވެސް ނާޒިމްގެ މައްޗަށް އިއްވި ހުކުމްގައި ބުނެފައިވެ އެވެ. ރާއްޖެ އަކީ ހަތިޔާރު އުފައްދާ ގައުމަކަށް ނުވާއިރު ނާޒިމް ދިރިއުޅުއްވާ ކޮޓަރިން ހަތިޔާރު ފެނުމުން އެއީ ނާޒިމް އެތެރެ ކޮށްފައިވާ އެއްޗެއް ކަމަށް ވެސް ޙުކުމުގެ ކުރިން ގާޒީން ވަނީ ފާހަގަކޮށްފަ އެވެ.