ބޮލީވުޑް

ވަރުން އާއި ކްރީތީގެ ލަވަ "ދިލްވާލޭ" އިން އުނިކުރީ ކީއްވެބާ؟

Dec 21, 2015

ޑައިރެކްޓަރު ރޯހިތު ޝެޓީގެ "ދިލްވަލޭ" އާއި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ބާޖީރާއޯ މަސްތާނީ" ހުކުރު ދުވަހު ރިލީޒްކޮށްފައިވާއިރު، ދެ ފިލްމުގެ ކުރިމަތިލުންވެސް ކުރިއަށް ގޮސްފައިވަނީ ވަރަށް ހޫނުކޮށެވެ.

ދެފިލްމުގެ ތެރެއިން "ދިލްވާލޭ" މާކުރީގައި އުޅޭއިރު، އަނެއްކާވެސް ޝާހްރުކް ޚާންގެ ފިލްމެއް ރިލީޒްކުރި ދުވަހާއި އެއްދުވަހެއްގައި ފިލްމެއް ރިލީޒްކޮށް ބަންސާލީ ވަނީ ބަލިވެފަ އެވެ.

"ދިލްވާލޭ" އަކީ އެއްވެސް އޮއްޓަރެއްނެތް ވާހަކައެއްގެ މައްޗަށް އުފައްދާފއިވާ ފިލްމެއް ކަމަށް ފާޑުކިޔާފަރާތްތަކުން ބުނި ނަމަވެސް މިފލްމަށް ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބަކަށް ކުޑަވެސް ފަނޑުކަމެއް ނާދެ އެވެ.

މި ދެ ފިލްމު ވެސް ރިލީޒްކުރިއިރު، ފިލްމުގެ ދިގުމިން ގާތްގަނޑަކަށް އެއްވަރު ނަމަވެސް، "ބާޖީރާއޯ މަސްތާނީ" ގެ ދިގުމިނާއި އެއްވަރުކުރުމަށް "ދިލްވާލޭ"ގެ އެއް ލަވަ ވަނީ ފިލްމުން އުނިކޮށްފަ އެވެ. ދިގުމިން ކުރުކުރުމަށް ރޯހިތު އުނިކޮށްފައިވަނީ ފިލްމުގެ ދެސަޕޯޓިން ތަރިން ކަމަށްވާ ވަރުން ދަވަން އާއި ކީރްތީ ސަނޮން އެކުގައި ކުޅެފައިވާ "ޕްރޭމިކާ" ލަވަ އެވެ.

"ޕްރޭމިކާ" ލަވަ

ފިލްމުގެ ދިގުމިން ކުރުކުރުމުގެ ގޮތުން ފިލްމުގެ ވާހަކައަށް އަސަރުނުކުރާގޮތަށް ބައެއް މަންޒަރުތައް އުނިކޮށް ހެދުމަކީ އާންމުކޮށް ގިނަ ޑައިރެކްޓަރުން ކުރާ ކަމެއް ނަމަވެސް، ފިލްމުގައި ހިމެނޭ ލަވަ އުނިކުރުމަކީ ވަރަށް މަދުން ނޫނީ ކުރާ ކަމެއް ނޫނެވެ.

ކޮންމެ އަކަސް ހުކުރު ދުވަހުން ފެށިގެން މިފިލްމު ސިނަމާތަކުގައި ދައްކަމުން އަންނައިރު، "ޕްރޭމިކާ" ލަވަ މިފލްމުގައި ނުހިމެނެ އެވެ. މިފލްމުގެ ލަވައެއް އުނިކޮށްފައިވާ ކަން ފިލްމު ބެލި މީހުންނަށް ފަހާގަނުކުރެވުނު ނަމަވެސް، މިލަވައަކީ މިފލްމުގައި ހިމެނޭ ލަވަތަކުގެ ތެރެއިން ކީރްތީ އަށް އެންމެ ރީތި ލަވަކަމަށްވެ އެވެ. އަދި މިލަވަ ވަރުން ޝޫޓްކޮށްފައިވަނީ އޭނާ ވަރަށް ގަދަޔަށް ހުން އައިސްގެން ހުއްޓާ ކަމަށްވެސްވެ އެވެ.

މިފިލްމަކީ މިޒުވާން ދެތަރިންގެ ކެރިއަރަށް ވަރަށް މުހިންމު ފިލްމެކެވެ. ބޮލީވުޑްގެ އެންމެ މަޝްހޫރު ޖޯޑުކަމަށްވާ ޝާހްރުކް އާއި ކާޖޮލް އާއެކު އެއްފިލްމެއްގައި ހަރަކާތްތެރިވާން ފުރުސަތު ލިބުމަކީ ކުރިއަށް އޮތް ތަނުގައި މިދެތަރިންގެ ކެރިއަރަށް އެކަމުން ވަރަށް ގިނަ ފައިދާތަކެއް ކުރާނެ ކަމެއްކަން ޔަގީނެވެ.

"ޕްރޭމިކާ" މިލަވަ މިފލްމުން އުނިކޮށްފައިވާ ކަމުގެ ވާހަކަތައް ދެކެވެން ފެށުމުން ގިނަބަޔަކު އަންނަނީ މިފިލްމުގައި ހިމެނޭ ހާއްސަ ލަވައެއްގެ ގޮތުގައި ނަމަވެސް މިލަވަ ފިލްމުގައި ހިމަނާތޯ އެދެމުންނެވެ.