ދުނިޔެ

ސަލްމާން ރަސްގެފާނާއި ބައިޑަން މަޝްވަރާ ކުރައްވައިފި

އެމެރިކާގެ ރައީސް ޖޯ ބައިޑަން ސައޫދީ ރަސްގެފާން، ސަލްމާނަށް ފޯނުން ގުޅުއްވައި ސަރަހައްދީ މަސްލަހަތާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

ސައޫދީ ނޫސްތަކުން ބުނާ ގޮތުން ދެ ލީޑަރުންގެ މައިގަނޑު މައުލޫއަކީ މެދުއިރުމަތީގެ ރައްކާތެރި ކަމެވެ. ދެ ގައުމު ގުޅިގެން މެދުއިރުމަތި، ރައްކާތެރި ސަރަހައްދަކަށް ހެދުމަށްޓަކައި ކުރެވެން ހުރި ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ޔަމަނުގައި ވަކި ސަރުކާރެއް އުފައްދަން ހަނގުރާމަކުރާ ހޫތީންގެ އުނދަގޫ ސައޫދީއަށް ވަރަށް ބޮޑު ކަމަށް ރަސްގެފާނު ދެންނެވި ކަމަށް ނޫސްތަކުން ބުނެ އެވެ. އަދި އީރާންގައި ހުރި ނިއުކްލިއާ މާއްދާތަކުން ސަރަހައްދަށް ގެއްލުން ވެދާނެ ކަމަށް އޮތް ބިރާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.

ސައޫދީގެ ސަލާމަތާއި ރައްކާތެރި ކަމަށް އެމެރިކާ ވެދޭ އެހީތެރިކަމަށް ޓަކައި ރަސްގެފާން ބައިޑަންއަށް ޝުކުރު ދެންނެވި އެވެ.

ހޫތީންގެ އުނދަގޫ މެދުއިރުމައްޗަށް ފުޅާކޮށް ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ހަމަލާ ދިނުން ބައިޑަން ވަރަށް ބޮޑަށް ކުށްވެރި ކުރެއްވި ކަމަށް ޚަބަރުތައް ބުނެ އެވެ.

ޔޫއޭއީއަށް ހޫތީން ދިން ޑްރޯން ހަމަލާގައި އަބޫދާބީ ނޭޝަނަލް އޮއިލް ކޮމްޕެނިއަށް ބޮޑެތި ގެއްލުން ލިބިފައިވާއިރު ތިން މީހަކު ވެސް ވަނީ މަރުވެފަ އެވެ.

ރަސްގެފާން ބައިޑަންއަށް ދެންނެވި ވާހަކަތަކުގެ ތެރޭގައި ހޫތީން ޑްރޯން ހަމަލާދިނުން އިތުރުކުރުން ހިމެނެ އެވެ. އެއީ އުފެއްދުންތެރިކަމެއް ނެތް ހަނގުމަވެރި ޖަމާއަތަށް ވާއިރު އެމީހުންނަށް ހަތިޔާރު ސަޕްލައިކޮށްދޭ ބަޔަކަށް ހައްގު އަދަދު ދިނުމާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

އީރާންގެ ނިއުކްލިއާ ޑީލާ ބެހޭ ގޮތުން އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ކުރިއަށް ގެންދާ މަޝްވަރާތަކާ މެދު ސައޫދީ ހިތްހަމަޖެހޭ ކަމަށް ރަސްގެފާން ވިދާޅުވި އެވެ. ރަސްގެފާން ވިދާޅުވި ގޮތުން އިރާންގައި ނިއުކްލިއާ ހަތިޔާރު ހުރެގެން ނުވާނެ އެވެ.

މެދުއިރުމަތިގައި އެއްވެސް ގައުމަކުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަކީ ސައޫދީ ބަލައިގަންނާނެ ކަމެއް ނޫން ކަަމަށް ރަސްގެފާން ވިދާޅުވި އެވެ.

ދުނިޔޭގެ ތެލުގެ ބާޒާރާ ބެހޭ ގޮތުން ބައިޑަން، ރަސްގެފާނަށް ދެންނެވި ކަމަށް ޚަބަރުތައް ބުނެ އެވެ. އަދި ތެލުގެ އަގު ބޮޑުނުވާނެ ތޮތަކަށް އޯޕެކް ހަރަކާތްތެރިވާނެ ކަމަށް ވެސް ރަސްގެފާން ވިދާޅުވި އެވެ.