އުމްރާ ދަތުރު

އުމްރާވެރިންނަށް ހިޔާނާތްތެރިވާނަމަ ލައްކައެއްހާ ރުފިޔާގެ ޖޫރިމަނާ

އުމްރާގެ އަޅުކަން އަދާކުރަންދާ މީހުނަށް ހިޔާނާތްތެރިވެއްޖެނަމަ ލައްކައެއްހާ ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލެއް އިސްލާމިކް މިނިސްޓްރީން އެކުލަވާލައިފި އެވެ.

އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލު އެކުލަވާލައި ސަރުކާރުގެ ގެޒެޓުގައި އިއްޔެ ވަނީ ޝާއިއުކޮށްފަ އެވެ.

މިއީ ރާއްޖެއިން ހައްޖަށާއި އުމްރާއަށް މީހުން ގެންދާ ކުންފުނިތަކަށް އެކަމުގެ ހުއްދަދީ ކުންފުނިތަކުގެ ރަޖިސްޓަރީ ބަލަހައްޓައި ހައްޖާއި އުމްރާގެ ކަންތައްތައް ބެލަހައްޓައި އަމަލު ކުރާނެ ގޮތްތައް ހިމަނައި އެކުލަވާލި އުސޫލެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

އުސޫލުގައިވާ ގޮތުން ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގެ ދަށުން ފުރިހަމަކުރަން ޖެހޭ އިދާރީ އެއްވެސް ކަމެއް ފުރިހަމަ ނުކޮށްފިނަމަ، 1000 އާއި 5000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ.

އުސޫލުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް އުމްރާވެރިންގެ އަތުން ފައިސާ ނަގައިފިނަމަ ނުވަތަ އުސޫލުގައި ކޮށްގެން ނުވާނެ ކަމަށް ބަޔާން ކޮށްފައިވާ ކަމެއް ކޮށްފިނަމަ، ނުވަތަ އުސޫލުގައި ބަޔާން ކޮށްފައިވާ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެނަމަ އުމްރާ ގުރޫޕް ޖޫރިމަނާ ކުރެވެ އެވެ. އުމްރާވެރިޔާއަށް ދޭންޖެހޭނެ ކަމަށް އުސޫލުގައި ބުނާ ހިދުމަތްތަކާއި، އުމްރާވެރިޔާއާއެކު ވެވޭ އެއްބަސްވުމުގައި ބުނާ ކަންކަމާއި، އުމްރާގެ ހުއްދައަށް އެދި ހުށަހެޅި ޕްރޮޕޯސަލް ފޮތުގައި ބަޔާން ކޮށްފައިވާ އެއްވެސް ކަމެއް ފުރިހަމަކޮށް ނުދީފިނަމަ ވެސް ޖޫރިމަނާ ކުރެވެ އެވެ. އެގޮތުން 5000 އާއި 30،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ.

އެއްވެސް އުމްރާވެރިޔަކަށް ކުންފުނީގެ އިހުމާލުން އުމްރާގެ އަޅުކަން އަދާ ނުކުރެވިއްޖެނަމަ ނުވަތަ އުމްރާވެރީންގެ އަތުން ނަގާ ފައިސާއަށް ހިޔާނާތްތެރި ވެއްޖެނަމަ 30،000 ރުފިޔާއާއި ލައްކައެއްހާ ރުފިޔާއާ ދެމެދުގެ އަދަދަކުން ވެސް ޖޫރިމަނާ ކުރެވެ އެވެ.

އުމްރާއަށް މީހުން ގެންދާ ކުންފުނީގެ އިހުމާލުން އުމްރާގެ ރުކުނެއް ނުވަތަ ވާޖިބެއް އެއްވެސް އުމްރާވެރިއަކަށް ފުރިހަމަ ނުކުރެވިއްޖެނަމަ، އުމްރާވެރިއަކަށް އެފަދަ އެއްވެސް ކަމެއް އޮޅުވައިލުމެއް ނެތި ސާފުކޮށް ބަޔާންކޮށްދޭންވާނެ ކަަމަށް އުސޫލުގައި ބުނެ އެވެ. އަދި އެ އަޅުކަން ފުރިހަމަ ކޮށްދޭންވާނެ ކަމަށާއި އެފަދަ ކަމެއްގައި އޮޅުވައިލައިފިނަމަ ވަގުތުން އެ ފަރާތެއްގެ ހުއްދަ ބާތިލުކުރެވޭނެ ކަމަށްވެސް އުސޫލުގައި ބުނެފައިވެ އެވެ.