ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

ދޫނިތައް މަރާލުން: ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ދީފި

ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި ކަމަށް ބުނެ ގިނަ އަދަދެއްގެ ދޫނި ތަކެއް މަރާލި މައްސަލައިގައި ގާނޫނާއި ގަވައިދާ ހިލާފަށް އަމަލުކޮށްފައިވާ ފަރާތްތަކާ މެދު ގާަނޫނީ ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ފިޝަރީޒް މިނިސްޓްރީން ދީފި އެވެ.

މަރާލި ދޫނިތައް ރާއްޖެ އެތެރެ ކޮށްފައިވަނީ ޕެޓްމާސް ކިޔާ ކުންފުންޏަކުންނެވެ. ދޫނިތައް މަރާލާފައިވަނީ އެއާޕޯޓުން ދޫނިތައް ހިފަހައްޓާފައިވާ މައްސަލަ ސިވިލް ކޯޓާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.

މި މައްސަލަ ހޫނުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ މިކަން ހިނގިގޮތް ބަލައި ރިޕޯޓެއް ތައްޔާރުކުރުމަށް އަންގަވާފަ އެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް އެެންގެވި ގޮތަށް ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. މި ރިޕޯޓަކީ ލިބެން ހުރި ލިޔެކިޔުމާއި މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަންހިނގި ގޮތުގެ ހަގީގަތް ދެނެގަނެ އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމަށް އެކުލަވާލާ ރިޕޯޓެއް ކަމަށެވެ.

ގަސްހަގާގެއްސާއި ޖަނަވާރުގެ ކަރަންޓީނުގެ ހިދުމަތް ރާއްޖޭގައި އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށްޓަކައި ގާނޫނާއި ގަވައިދަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަންވެސް ދީފައިވެ އެވެ.

"މިކަމާ ގުޅިގެން ގާނޫނާއި ގަވައިދާ ހިލާފަށް އަމަލުކޮށްފައިވާ އެންމެހާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން އަރުވަމެވެ" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ދޫނިތައް އެތެރެކުރި ޕެޓްމާސް އިން ބުނި ގޮތުގައި އެ ދޫނިތައް އެތެރެކުރިއިރު އެއީ ރާއްޖެއަށް އެތެރެކުރުން ހުއްދަ ދޫނި ތަކެއް ނޫނެވެ. ނަމަވެސް ފަހުން ގަވައިދަށް ގެނައި ބަދަލަކުުން އެ ދޫނިތައް އެތެރެކުރަން ހުއްދަ އޮތް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މި މައްސަލައިގައި ފިޝަރީޒް މިނިސްޓްރީ ބުނީ ދޫނިތައް މަރާލީ އެޓާނީ ޖެެނެރަލް އޮފީހުގެ ލަފަޔާއެކު އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ. ނަމަވެސް ފާޑު ކިޔުންތައް މާބޮޑަށް އަމާޒުވުމުން އެޓާނީ ޖެނެރަލް އޮފީހުން ބުނީ ދޫނިތައް މަރާލުމުގެ ބަދަލުގައި އަނބުރާ ފޮނުވާލުމުގެ ފުރުސަތު އޮތް ކަމަށާއި އެގޮތަށް ފިޝަރީޒް މިނިސްޓްރީން އަމަލު ނުކުރި ކަމަށެވެ.

ދޫނިތައް މަރާލި މައްސަލައިގައި މާލޭގައި އިއްޔެ ހަވީރު ބަޔަކު ވަނީ މުޒާހަރާވެސްކޮށްފަ އެވެ.